24 Mar 2016, 22:07
ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރުގެ މަރާ ގުޅިގެން ގ. ގޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
ވަޅިން ހަމަލާދީ އަހުސަން ބަޝީރު މަރާލާފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 3:20 އެހައިކަންހާއިރު އަލިކިލޭގެ ފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
އަހުސަން ބަޝީރަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން އުފުލީ ޝަހުމްގެ މައްޗަށެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިއްވި ހުކުމްގައި ވަނީ އެ ދައުވާ ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ސާބިތުނުވިނަމަވެސް 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ޝަހުމް އަންނަނީ ތަންފީޒު ކުރަމުންނެވެ.
ޝިމާޒުގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީ އޭނާ މިހާރު ވަނީ މިނިވަންވެފައެވެ.