ތައިލޭންޑަށް ގޮސް އުޅޭ ދިވެހި ވިޔަފާރިވެރިންނަށް ހާއްސަ ޓްރޭޑު އޮފީހެއް ގާއިމް ކުރުމާ ބެހޭ ގޮތުން އެގައުމުގެ މިނިސްޓަރު އޮފް ކޮމާސް އަޕިރާދީ ޓަންޓްރަޕޯނާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޝްވަރާ ކުރައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރަސްމީ ދަތުރުފުޅެއްގައި އިންޑޮނޭޝިއާ އަށް ވަޑައިގެން އުޅުއްވާ މިނިސްޓަރު ސައީދު މިހާރު ވަޑައިގެން އުޅުއްވަނީ ތައިލޭންޑަށް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ތައިލޭންޑުގެ މިނިސްޓަރު އޮފް ކޮމާސް އަޕިރާދީ ޓަންޓްރަޕޯނާ ބައްދަލުކުރައްވާ ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ވިސާލިބިގެން ތައިލެންޑަށް އައިސް ގޮސް އުޅެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

"އަދި ރާއްޖޭގެ ވަރަށްގިނަ ވިޔަފާރިވެރިން ތައިލެންޑަށް ޒިޔާރަތްކުރައްވާކަމަށާއި، އެފަރާތްތަކަށް ފަސޭހަވާނެގޮތަށް ޓްރޭޑް އޮފީހެއް އެޤައުމުގައި ޤާއިމް ކުރުމާއިބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި ހަމަ އެއާއި އެކު ރާއްޖޭ އިންވެސްޓްމެންޓްގެ ދާއިރާއިން ރާއްޖެއަށް ހުރި ފުރުސަތުތަކާއިމެދު ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ." އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ތައިލޭންޑުގެ ބޯޑް އޮފް އިންވެސްޓްމަންޓްގެ ޑެޕިއުޓީ ސެކްރެޓްރީ ޖެނެރަލާ މިނިސްޓަރު ސައީދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލްކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ވިޔަފާރިއާއި އިންވެސްޓްމަންޓް ގެ ދާއިރާއިން ދެގައުމުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ބެހޭގޮތުނާއި، އެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަންފޯރުކޮދެވޭނެ ކަންކަމުގެ މައްޗަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިންޑޮނޭޝިއާގެ ބާލީގައި ބޭއްވުނު 6 ވަނަ މިނިސްޓީރިއަލް ކޮންފަރެސް އޮފްދަ ބާލީ ޕްރޮސެސްގައި ބައިވެރިވުމުގެ ގޮތުން އިންޑޮނޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު ސައީދު ވަނީ އިންޑޮނޭޝިއާގެ ހާރުޖީ ވަޒީރު ރެޓްނޯ މަރްސޫދީއާ ބައްދަލުކުރައްވާ ދެގައުމުގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.