29 Apr 2011, 15:12
ލަންޑަން : އިނގިރޭސި ރާނީގެ މާމަދަރިފުޅު އަމީރު ވިލިޔަމްއާއި އޭނާގެ ލޯބިވެރިޔާ ކޭޓް މިޑްލްޓަންގެ ޝާހީ ކައިވެނީގެ ރަސްމިއްޔާތުގެ ޙަރަކާތްތައް މިހާރު ކުރިޔަށް އެބަދެއެވެ.
ޝާހީ ކައިވެނީގެ ރަސްމިއްޔާތު ބާއްވާ ވެސްޓްމިނިސްޓަރ ފައްޅީގެ ކައިރީގައާއި ރާނީ އެލިޒަބަތްގެ ރަސްމީ ގަނޑުވަރު ބަކިންގހަމް ޕެލަސްއިން، ވެސްޓްމިނިސްޓަރ ފައްޅިއަށް ދާމަގުގެ ދެފަރާތަށް 3 ހާހާއި 5 ހާހާ ދެމެދުގެ ޢަދަދަކަށް މީހުންވަނީ ޖަމާވެފައެވެ.
މިއީ އިނގިރޭސިވިލާތުގެ ރަބީޢު މުސުން ކަމަށްވެފައި މުސުން ދައްކާގޮތުން މިއަދު ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ގިނަބަޔަކުތިބީ ވިއްސާރަ ކޯޓާއި ކުޑައާ އަދި ބައެއްބާވަތުގެ ޓެންޓްތައް ޖަހައި ސަލާމަތީ ފިޔަވަޅުތައްވެސް އަޅައިގެންނެވެ.
ކައިވެނީގެ ރަސްމިއްޔާތަށް ޓަކައި ކައިވެނީގެ ހެދުންކޮޅުގައި ވިލިޔަމްއާއި ކޭޓް ވަޑައިގަންނަވާނީ ބަކިންގހަމް ޕެލަސް އިން ވެސްޓްމިނިސްޓަރ ފައްޅިއަށެވެ. ވިލިޔަމްގެ ހެދުންކޮޅަކީ އިނގިރޭސި ވައިގެ ސިފައިންގެ އޮފްސަރެއްގެ ޔުނިފޯމާ އެއްގޮތް ހެދުންކޮޅެއް ނަމަވެސް ކޭޓްގެ ހެދުންކޮޅުގެ ޑިޒައިން އަދި ވަނީ ސިއްރެއްގެ ގޮތުގައެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޝާހީ ޢިއްޒަތުގައި މިދެކަނބަލުން ވެސްޓްމިނިސްޓަރ ފައްޅިއަށް ވަޑައިގަންނަވާނެއެވެ. އެހެންކަމުން ކައިވެންޏަށް ދަޢްވަތުއަރުވާފައިވާ 1900 މެހްމާނުން ވެސްޓްމިނިސްޓަރ ފައްޅިއަށް ވަޑައިގަތުމުގެ ކަންތައް މިހާރު ކުރިޔަށްއެބަދާކަމަށް ޚަބަރުތައް ބުނެއެވެ.
ކައިވެނީގެ ރަސްމިއްޔާތަށްޓަކައި ވިލިޔަމްއާއި ކޭޓް ވެސްޓްމިނިސްޓަރ ފައްޅިއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދެބޭފުޅުން ވަކިންނެވެ. ނަމަވެސް ކައިވެނީގެ ރަސްމިއްޔާތަށްފަހު ވެސްޓްމިނިސްޓަރ ފައްޅިން ދެބޭފުޅުން އެނބުރި ބަކިންހަމް ޕެލަސްއަށް ވަޑައިގަންނަވާނީ އަސްގާޑިޔަލެއްގައި ދެބޭފުޅުން އެކުގައެވެ.
މިއީ 1902 ގައި އޭރުގެ އިނގިރޭސި ރަސްގެފާނު އެޑްވަރޑް ހަތެއްގެ އަމުރުފުޅަށް ތައްޔާރު ކޮށްފައިވާ އާޘާރީ އަސްގާޑިޔަލެކެވެ. ރާނީ އެލިޒަބަތް ބައްދަލުކުރައްވާ ބޭރުޤައުމުތަކުގެ ވެރިންނާއި ޢިއްޒަތްތެރިން ބަކިންގހަމް ޕެލަސްއަށް ގެންދިޔުމަށްވެސް މި އަސްގާޑިޔާ ބޭނުންކުރަމުން ގެންދެއެވެ. ނަމަވެސް ވާރޭވެހޭނަމަ ދެބޭފުޅުން ބޭނުންކުރައްވާނީ 1881 ގައި ތައްޔާރުކޮށްފައިވާ ބިއްލޫރި އަސްގާޑިޔަލެއްގައި ކަމަށް ޚަބަރުލިބެއެވެ.
މިއީ 1981 ވަނަ އަހަރު ވިލިޔަމްގެ މަންމަ އާއި ބައްޕަ ކަމަށްވާ ލޭޑީ ޑަޔާނާ އާއި އަމީރު ޗާލްސް ކައިވެނި ކުރެއްވިއިރު ކައިވެނީގެ ރަސްމިއްޔާތު ބޭއްވި ލަންޑަންގެ ސަންޕައުލް ކެޓެޑްރަލް އަށް ޑަޔާނާ ގެންދިޔަ ބިއްލޫރި އަސްގާޑިޔާވެސް މެއެވެ.
އަމީރު ވިލޔަމް ރޭގައިވަނީ އޭނާގެ ކައިވެންޏަށް މަރްޙަބާ ކިޔުމަށް ބަކިންހަމް ޕެލަސްގެ ސަރަޙަށް އެއްވެފައިވާ ޢާންމުންނާ ބައްދަލު ކުރެއްވުމަށް މަގުމައްޗަށް ނުކުމެ ވަޑައިގެން ޢާންމުންނާ ސަލާމް ކުރައްވައި ހަނދާނީ ފޮޓޯތައް ނަންގަވައި ހައްދަވާފައެވެ.
ވަގުތުން ދުރަށް ފޮނުވާ އިނގިރޭސި ޝާހީ ކައިވެނީގެ ރަސްމިއްޔާތު ދެބިލިޔަނެއް ހާމީހުން ޓީވީ މެދުވެރިކޮށް ބަލާނެކަމަށް އަންދާޒާކުރެވިފައިވެއެވެ. ކައިވެންޏަށްފަހު ރާނީ އެލިޒަބަތް، ވިލިޔަމް އާއި ކޭޓަށް ދެއްވުމަށް ނިންމަވާފައިވަނީ ޑިޔުކް އެންޑް ޑަޗްސް އޮފް ކެމްބްރިޖް ގެ ލަޤަބެވެ. (ބީ.ބީ.ސީ)