ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިފަޅުގެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދި ފަޅުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ދެ ފަޅު ކުއްޔަށް ދޫކުރުމުގެ އެ އެއްބަސްވުން ބާތިލް ކުރިކަން އަންގައި ޓޫރިޒަމް މިނިސްޓްރީން ވިލާއަށް ފޮނުވި ނޯޓިހަކީ އެއްބަސްވުމާ ޚިލާފަށް ފޮނުވި ނޯޓިހެއް ކަމަށެވެ.

ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ބައެއް އެހެން ރަށްތަކާއި ފަޅުތައް ވެސް ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް ނަގާފައެވެ. އެ ހުރިހާ މައްސަލަތަކެއް ވިލާ އިން ކޯޓަށް ހުށަހަޅާފައިވާއިރު މިހާތަނަށް އޭގެތެރެއިން ހުކުމް ކުރި މައްސަލަތައް ނިންމާފައ ވަނީ ވިލާއާ އެއްކޮޅަށެވެ.