24 Mar 2016, 21:32
އެކިއެކި ނަންނަމުގައި ގުޅައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުންގެ ނަމުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ގެނެވިފައި ތިބޭ މީހުންގެ ނަންނަމުގައި ފައިސާގެ މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ އެކަމުން ސަލާމަތްވާން ބޭނުންނަމަ ވަކި އަދަދަކަށް ފައިސާ ހޯދަން އެދެމުންދާ ކަމަށެވެ. އަދި ބުނީ އެ އަދަދަށް ފައިސާ ހޯދަން އެމީހެއްގެ ބެންކް އެކައުންޓްގެ މައުލޫމާތު ހޯދުންފަދަ ކަންކަން ކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ފުލުހުންގެ މުއައްސަސާއިން ފޯނުން ގުޅައި ފައިސާގެ އެފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުން ބުންޏެވެ.
ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާއިރު ހުޅުމާލެ އިން ފްލެޓު ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި މޯބައިލް ނަންބަރުތަކުން ގުޅަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވެސް މިއަދު ވަނީ އަންގާފަ އެވެ.
އެޗްޑީސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެޗްޑީސީގެ ނަމުގައި ގުޅަމުން ގެންދާ ނަމްބަރުތަކުން ގުރުއަތުން ހޮވާ ފަރާތްތަކަކަށް ފްލެޓްއާއި ރޯހައުސް ލިބޭވާހަކާއި ޑައުންޕޭމަންޓް ދެއްކުމަށްޓަކައި ފައިސާ ޖަމާކުރުމަށް އެދެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.