24 Mar 2016, 23:25
ވިލިމާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ފައިސާއަށް ވުރެ ބޮޑަށް ބޭނުންވަނީ އާއިލާއެއްގެ ފަރާތުން ލިބޭނެ އަޅާލުމާ ލޯބި ކަމަށް ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާއަށް ފައިސާއާ ބައެއް ތަކެތި ހަދިޔާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޒީނާޒް ވިދާޅުވީ، މި މުޖުތަމައު އަކީ ވަރަށް އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމައު އެއް ކަމަށެވެ.
އަދި ކުޑަކުދިންގެ ހިޔާގައިވެސް އެކުދިންނަށް ބޭނުންވާނެ ގިނަ ހިދުމަތްތަކާ ވަސީލަތްތައް ގާއިމުކޮށްދީފައި ހުރި ނަމަވެސް، އެކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ނުދެވޭނެ ކަމަށެވެ.
""އެ ހުރިހާ ހިދުމަތްތަކާ އެކުވެސް އަޅުގަނޑުމެންނަށް ނުދެވެނީ އާއިލާއެއްގެ ލޯތްބާއި ކުއްޖާއަށް ދޭ ހާއްސަކަން،" ޒީނާޒް ވިދާޅުވި އެވެ.
އަދި އިންސްޓިޓިއުޝަނެއްގައި އެކުދިންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދީގެން ބޮޑު ކުރި ނަމަވެސް، ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ހިޔާތަކެއް އެޅި ނަމަވެސް، ޔަތީމު ކޮށްލެވޭ ކުދިންގެ އަދަދު މަދު ނުކުރެވޭ ނަމަ އެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ.

ހުޅުމާލެ ކުޑަކުދިންގެ ހިޔާގައި ތިބި ބައެއް ކުދިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން
"އަޅުގަނޑުމެން އެކުދިންނަށްޓަކައި ގާބިލުކަން ހުރި އާއިލާ ތަކުން އެކުދިންނަށް އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު އެކި ދިމާލުން ފަހިކޮށްދެވޭނެ ކަހަލަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެއީ ކަންނޭގެ މީގެ ނިމުމަކަށް އަންނާނީ. ހިޔާތަކެއް އަޅާފައި ބެހެއްޓިދާނެ. އެތަންތަން ފުރޭނެ. އެކަމަކު ހުރިހާ ހިދުމަތެއް ފޯރުކޮށްދިނަސް އާއިލީ ވެއްޓެއް ގާއިމުކޮށް ނުދެވޭ،" ޒީނާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ފައިސާގެ އެހީއާ ތަކެތީގެ އެހީއަށްވުރެ، ކުޑަކުދިންގެ ހިޔާއަށް މިހާރު ކުރިމަތިވެފައިވާ ދައްޗަކީ ކުދިން ބެލެހެއްޓުމުގެ ދަތިކަން ކަމަށް ޒީނާޒް ވިދާޅުވިއެވެ. އެހެންކަމުން ހިޔާގައި ތިބި ކުދިންނަށް ހާއްސަކޮށް މުވައްޒަފުން ސްޕޮންސަރ ކޮށްދިނުމަކީ މިވަގުތަށް އެންމެ އެދެވޭ އެހީ ކަމަށް ޒީނާޒް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ކުދިންނަށްޓަކައި ސްޕޮންސަރ އެއް މިސާލަކަށް ޓީޗަރެއް ސްޕޮންސަރ ކޮށްލެވިދާނެ. ނޫނީ މެޑިކަލް މަސައްކަތް ކުރައްވާނެ ނަރުހެއް. އެއީ އަޅުގަނޑުމެންނަށް އެންމެ ބޮޑު ދައްޗަކަށް މި އުޅެނީ ކުދިން ބެލެހެއްޓުމުގެ ކަންތަކުގައި،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ކުޑަކުދިންގެ ހިޔާގައި ތިބި ބައެއް ކުދިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން
މިހާރު ކުޑަކުދިންގެ ހިޔާގައި 100 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އާދެ އެވެ.
އޭނާ ވިދާޅުވީ، ކުދިން ބެލެހެއްޓުމަށް ވަރަށް ގިނަ ފަރާތްތަކުން ބޭނުންވާ ކަމަށާއި މިހާރުވެސް ފޮސްޓަރ ކުރުމަށް ބޮޑު ކިޔޫއެއް އޮތް ކަމަށެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ އަހަރު ނުވާ ތުއްތު ކުދިން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް ތުއްތު ތުއްތު ދެންމެ ވިހާފައި ތިބޭ ކުދިން ހުރިހާ ބޭފުޅުންވެސް ބޭނުންވަނީ. އެބަ އުޅޭ ފޮސްޓަރ ކުރުމުގައިވެސް ވަރަށް ބޮޑު ކިޔޫ އެއް. އެކަމަކުވެސް ބޭނުންވަނީ ވަރަށް ތުއްތު ތުއްތު ކުދިން،" ޒީނާޒް ފާހަގަ ކުރެއްވި އެވެ.
ވިލިމާލެ އަދި ހުޅުމާލެ ހިޔާގައި މިހާރުވެސް 125 އެއްހާ ކުދިން އެބަ ތިއްބެވެ.