އައްޑޫސިޓީގެ މަރަދޫ އާއި މަރަދޫ ފޭދޫގައި ފުލުހުން ދިރިއުޅޭ ހަތަރު ގެއެއްގެ ބިއްލޫރިތައް ތަޅާލައި އެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ފުލުހުން ދިރިއުޅޭ ހަތަރު ގެއަކަށް ގެއްލުން ދިނުމުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހަތަރު މީހަކު ކަމަށާއި އޭގެތެރެއިން ތިން މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު ކޯޓުން 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުންނާއއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި، އިންޒާރުދީ، ފުލުހުން ދިރިއުޅޭ ގޯތިގެދޮރަށް ގެއްލުންދޭ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ފުލުހުން ވަނީ ބުނެފަ އެވެ.