24 Mar 2016, 20:02
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ފުރާނަ ވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށާއި އަދި އެމަނިކުފާނަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ މިއަދުގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށް ރާޖަޕަކްސަގެ ފެކްޝަނުން ބުނެފި އެވެ.
ރާޖަޕަކްސަ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ، ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ މަޖިލިސް މެމްބަރު މަހިންދަ ޔާޕާ އަބޭވަރްދެނަ ވިދާޅުވީ، މަސްތަކެއްގެ ކުރިން އެކްސިޑެންޓެއްވި މަހިންދަ ރާޖަޕަކްސަ ބޭނުންކުރައްވާ ބުލެޓް ފްރޫފް ކާރު މަރާމާތު ކުރުމަށް ސަރުކާރުން ބައި ރުފިޔާއެއް ވެސް ދީފައިނުވާ ކަމަށެވެ. އަދި 14 މަސް ފާއިތުވެގެންދިޔަ އިރުވެސް އެމަނިކުފާނު ދިރިއުޅުއްވުމަށް ރަސްމީ ގެއެއް ދެއްވާފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"އިދިކޮޅު ފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރަމުންމިދަނީ މިހާރު ގުޅިފައިވާ އިދިކޮޅު ފެކްޝަނުން. އިދިކޮޅު ފަރާތްތައް ތަމްސީލްކުރާ ރާޖަޕަކްސްގެ ސެކިއުރިޓީއާ ގުޅުންހުރި ބައެއް ސީރިއަސް މައްސަލަތަކެއް އެބަހުރި.. ކުރިން ފަހަރުތަކުގައި ކަންތައްތައް ދިމާވެފައިހުރި ގޮތުން ބައެއް ސިޔާސީ ލީޑަރުން މަރާލާފައި އެބަހުރި. ރާޖަޕަކްސައަށް ވެސް އެފަދަ ގޮތެއް ވެދާނެ ކަމުގެ ބިރު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އަބޭވަރްދެނަ އިތުރަށް ވިދާޅުވީ، ކުރީގެ ތަމަޅަ ޓައިގަރުންގެ ލީޑަރުންތަކެއް މިނިވަންވެ، ގައުމުގައި ގޭންގްސްޓާރުން މިނިވަންކަމާއެކު އުޅެމުންދާތީ، ރާޖަޕަކްސަގެ ސެކިއުރިޓީއާމެދު އިތުރަށް ކަންބޮޑުވާ ކަމަށެވެ.
މައުލޫމާތު: ޑެއިލީ މިރާ