ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ކުޑަކުދިންގެ ހިޔާއަށް ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން 45،000 ރުފިޔާ އާއި އެހެނިހެން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ހުޅުމާލެ ކުޑަކުދިންގެ ހިޔާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީ ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އަދި ކުޑަކުދިންގެ ހިޔާގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ، އެތަނުގެ ސީއީއޯ ޒީީނާޒް އަދުނާނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ އެހީއަކީ އެ މިނިސްޓްރީގެ ފިނޭންސް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ހިންގާ ޕަބްލިކް ސާވިސްގެ ދަށުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި މުވައްޒަފުން ގުޅިގެން އެއްކުރެވުނު ފައިސާ ކަމަށެވެ.

އެއީ ހުޅުމާލެ ކުޑަކުދިންގެ ހިޔާ ހުޅުވި ފަހުން މިގޮތަށް ފޯރުކޮށްދިން ފުރަތަމަ އެހީ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ކުޑަކުދިންގެ ހިޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން މިދިޔަ އަހަރުވެސް ފިނޭންސުން ވަނީ ކުޑަކުދިންގެ ހިޔާއަށް 50،000 ރުފިޔާގެ އެހީއެއް ފޯރުކޮށްދީފަ އެވެ.

އެ ރަސްމިއްޔާތުގައި އެތަނުގެ ސީއީއޯ އީނާޒް ވިދާޅުވީ އެފަދަ އެހީތެރިކަން ދެއްވުމުގައި ދެމިތިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހުޅުމާލޭގެ ލާލޭ ސްކޫލާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކޮށްފައިވާ ކުޑަކުދިންގެ ހިޔާއަކީ ޔޫއޭއީގެ މަހުމޫދު އަލް ހާޖާގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ތަނެކެވެ.

ބާރަ ކޮޓަރީގެ އިމާރާތުގައި ހުރިހާ ހިދުމަތެއްވެސް ދިނުމަށް ހަމެޖެހިފައި ވަނީ ދެ ޖިންސުގެ ކުދިންނަށް ވަކިންނެވެ. ހުޅުމާލޭގައި އިމާރާތްކުރި ކުޑަކުދިންގެ ހިޔާ އަކީ 129 ކުދިންގެ ޖާގައިގެ ތަނެކެވެ.

ހުޅުމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާނީ އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިހާރު އެތަނުގައި 30 ކުދިން ބަލަހައްޓަމުން ގެންދާއިރު، މުވައްޒަފުން އިތުރުވުމުން، އިތުރު ކުދިން ބަދަލު ކުރާނެ ކަމަށް ޒީީނާޒް ވިދާޅުވި އެވެ.