24 Mar 2016, 19:47
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ދެ ބޮޑީގާޑުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ކުރީގެ އިންޗާޖުގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް އިތުރުކޮށްފިއެވެ.
އެ ތިން މީހުންގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް އިތުރުކުރީ މިއަދު ކްރިމިނަލް ކޯޓުންނެވެ.
އަދީބުގެ ކުރީގެ ދެ ބޮޑީ ގާޑުން ކަމަށްވާ ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓު ހަސަން ރިކާޒުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ.
އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ އަދީބާއި އެ ދެ މީހުން ބައިވެރިވެގެން 7 ސެޕްޓެމްބަރު 2015 ދުވަހުގެ ވަގުތެއްގައި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އައިއީޑީ އެއް ހަރުކޮށްފައިވާކަމަށެވެ. އަދި އޭގެފަހުން 28 ސެޕްޓެމްބަރު 2015 ދުވަހުގެ ހެނދުނު 8:00 އެހައިކަންހާއިރު ރިޔާސީ ލޯންޗުކޮޅު މާލޭގެ އިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގައި ހަރުކޮށްފައިވާ އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗުކޮޅުން ދަތުރުކުރި އެކި ފަރާތްތަކަށް އަނިޔާވެފައި ވާއިރު ލޯންޗުކޮޅަށް ގެއްލުންވެފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.
އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ، އެގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޗާޖް ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް ދެ ދައުވާއެއް އުފުލަފައިވެއެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ޕާޕާގެ މައްޗަށް އުފުލާފައި ވަނީ ފިނިފެންމާގައި އެއްޗެއް ގޮވުމުން އެ މައްސަލަ ތަހުގީގު ކުރަން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށް ބުނެއެވެ.
އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ޕާޕާގެ މައްޗަށް އުފުލާފައި ވަނީ ފިނިފެންމާގައި އެއްޗެއް ގޮވުމުން އެސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ ބޭކަލުންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި އޭނަގެ އަމުރަށް ސިފައިންގެ ބަޔަކު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށައެވެ.