ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ގްރޫޕް ސީ ގައި މިއަދު ރާއްޖެ އަތުން ފަސޭހަކާމާއެކު 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޗައިނާއިން ކޮލިފައިންގެ ތިން ވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

ވޯލްޑް ކަޕް 2018 ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރޭން: މި މެޗުން ޗައިނާ މޮޅުވީ 4-0 ލަނޑުން --

މި މެޗުގެ ނަތީޖާއާއެކު ޗައިނާ މިވަގުތު އޮތީ 7 މެޗުން 14 ޕޮއިންޓާއެކު ގްރޫޕް ސީގެ 2 ވަނައިގައެވެ. ގްރޫޕްގެ އެއް ވަނައިގައި 18 ޕޮއިންޓާއެކު ގަތަރު އޮތްއިރު، ޗައިނާއާ އެއްވަރަށް ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން ގްރޫޕްގެ 3 ވަނައިގައި އޮތީ ހޮންކޮންގެވެ. ރާއްޖެ އޮތީ 3 ޕޮއިންޓާއެކު ގްރޫޕުގެ 4 ވަނައިގައެވެ.

ކޮލިފައިންގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗް އޮއްވައި ގުރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި ގަތަރަށް ވަނީ ތިން ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

ތިން ވަނަ ބުރުގައި ވާދަ ކުރާނީ 12 ޓީމެވެ. އެ 12 ޓީމުގެ މެދުގައި ކުޅޭ މެޗުތަކަށްފަހު ކޮލިފައިންގެ ޖާގަ ލިބޭނީ ހަތަރު ޓީމަށެވެ.

ވޯލްޑް ކަޕް 2018 ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރޭން: މި މެޗުން ޗައިނާ މޮޅުވީ 4-0 ލަނޑުން --

ޗައިނާގެ ޝެންޔަން އޮލިމްޕިކް ސްޕޯޓްސް ސެންޓަރ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ތިން ވަނަ މިނެޓްގައި ޗައިނާ އިން ވަނީ ލީޑް ނަގާފައެވެ. އެ ގޯލު ޗައިނާ އަށް ކާމިޔާބް ކޮށްދިނީ ޖިއާން ނިންގް އެވެ. އަދި އެ ގޯލުޖެހިތާ އަށް މިނެޓް ފަހުން ޔަންގް ޒޫ ވަނީ ޗައިނާގެ ދެވަނަ ގޯލު ކާމިޔާބް ކޮށް އެ ޓީމަށް ލީޑް ނަގައިދީފައެވެ.

ފުރަތަމަ ހާފް ޗައިނާ އިން ދެ ގޯލުގެ ލީޑަކާއި އެކު ނިންމާލި އިރު ދެވަނަ ހާފްގައި ޗައިނާގެ ކީޕަރު ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ރާއްޖޭގެ ހާފްތެރޭގައި ތިބެ ގިނަ ހަމަލާތަކެއް އުފެއްދޭތޯ ވަނީ މަސަތްކަތް ކޮށްފައެވެ.

ނަމަވެސް މެޗުގެ ފަހު ދިހަ މިނެޓާ ޖެހެންދެން ޗައިނާ އިން އިތުރު ގޯލެއް ކާމިޔާބް ކުރިއަނުދީ ރާއްޖެއިން ވަނީ ހިފަހައްޓާފައެވެ.

ވޯލްޑް ކަޕް 2018 ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރޭން: މި މެޗުން ޗައިނާ މޮޅުވީ 4-0 ލަނޑުން --

އެ މެޗުގައި ޗައިނާގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު ކާމިޔާބް ކުރީ މެޗުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބް ކުރި ޖިއާން އެވެ. މިއީ އުމުރުން 29 އަހަރުގެ ޖިއާން ޗައިނާގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ތިން ލަނޑެވެ.

މުޅި މެޗުގައި ރާއްޖެއިން ޑިފެންސިވް ކުޅުމެއް ކުޅުނު ނަމަވެސް ކައުންޓަރ އެޓޭކްގައި ވަނީ ހަމަލާއެއް އުފެއްދޭތޯ މަސަތްކަތް ކޮށްފައެވެ. ނަމަވެސް ޗައިނާ ގޯލަށް އަމާޒްކޮށް ރާއްޖެއަށް ވަނީ ނުރައްޖާތެރި ހަމަލާއެއް އުފެއްދޭގޮތް ނުވެފައެވެ.

ވޯލްޑް ކަޕް 2018 ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރޭން: މި މެޗުން ޗައިނާ މޮޅުވީ 4-0 ލަނޑުން --

ޗައިނާއާ ދެކޮޅަށް މިއަދުގެ މެޗުގައި ރާއްޖެ އިން ނުކުތީ އަނިޔާގެ ސަބަބުން ޓީމުގެ ކުރިއަށް ކުޅޭ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަސަދުﷲ އަބްދުﷲ ނުލަ އެވެ. ނަމަވެސް ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ރަސްމީ ބޯޅަ ދަނޑުގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް އެ ދެ ކުޅުންތެރިން ވެސް ފިޓްވާނެ ކަމަށް ބެލެވެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ޗައިނާއާ ދިވެހިރާއްޖެ މީގެ ކުރިން ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެ ތިން މެޗުން ވެސް ރާއްޖެ ބަލިވެފައިވާ އިރު އެ ތިން މެޗަކީ ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ގޮތުން ކުޅުނު ތިން މެޗެވެ.