29 Apr 2011, 14:54
"ފަސްހާސް ބިންމަތީ ސިފައިންނާ" އެކު 2013ގެ ރިޔާސީ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރާނެ ކަމަށް، ޒެޑް ޑީއާރުޕީގެ ނަމުގައި ޑީއާރުފީން އިއްޔެ އުފެއްދި އެ ޕާޓީގެ ޒައީމު އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމަށް ނިސްބަތްވާ ފެކްޝަނުން ބުނެފި އެވެ.
ޒެޑް ޑީއާރުޕީ އާބެހޭ މައުލޫމާތު މެންބަރުންނަށް ދިނުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ރޭ ބޭއްވި ބައްދަލުވުމުގައި ޒެޑް ފެކްޝަންގެ ހިންގާ ކޮމިޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ، 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ 5000 ހިލޭސާބަހަށް މަސައްކަތް ކުރާ ވޮލަންޓިއަރުންގެ އެހީގައި ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެމީހުން ހޯދައި ތަމްރީނުދޭނަން. އެ ބޭބޭފުޅުން އަމަލު ކުރަންވީ ގޮތް ބުނެދޭނަން. ފަސްހާސް ބިންމަތީ ސިފައިންނާ އެކު 2013ގެ ރިޔާސީ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޒެޑް ޑީއާރުޕީގެ މަގުސަދަކީ، ވަކި މީހަކު ގެނަސް ގަމުގެ ވެރިކަމުގައި ބެއިންދުންނޫން ކަމަށެވެ. އަދި ބޭނުމަކީ، ޕާޓީގެ އެކި އެކި މަގާމުތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި މެންބަރުންނަށް ފުރުސަތު ހުޅުވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ޕާޓީގެ ތާއީދު އޮތަސް، ޕާޓީގައި ކިތަންމެ ބަޔަކު ތިއްބަސް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ކާމިޔާބު ކުރެވޭނީ އެންމެން އެއް ދިމާލަކަށް ދަތުރު ކުރެވޭނެ ގޮތަކަށް ބައްޓަން ކޮށްގެން. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް އާދަޔާކިލާފް ތާއީދު މާލެ އާއި އަތޮޅުތަކުން ޑީއާރުޕީއަށް އޮތް. ނަމަވެސް ކުރަންވީ ވަރަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން އެ އިންތިހާބުން ޑީއާރުޕީއަށް ލިބެންވާ ކާމިޔާބެއް ނުލިބޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިހާރު ކުރަމުން ގެންދަވާ މަސައްކަތްތަކަކީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވާ ހޯމަ ދުވަހު ދިވެހި ރައްޔިތުންގެ ޕާޓީގެ މެންބަރުން ގައުމުގެ ވެރިކަމަށް އައުމަށް ހުވާ ކުރާ މަންޒަރު ދުށުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހިންގާ ކޮމިޓީގެ މަސައްކަތް ނިންމަވައި ޒެޑް ޑީއާރުޕީ ރަސްމީގޮތުން އެކުލަވާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޕާޓީގެ ރިޔާސަތަށް މީހަކު ހޮވާނެ ގޮތާއި ޕާލަމެންޓްރީ ގްރޫޕު އޮންނާނެ ގޮތާއި އެހެނިހެން މަގާމުތަކަށް މީހުން އައްޔަން ކުރާނެ ގޮތާއި މަގާމުތައް ހަމޖެހިގެންދާނެ،" އުމަރު ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފެކަޝަނަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ، ޒެޑް ޑީއާރުޕީގެ ކަނާތުން ރައީސް ނަޝީދު އާ "ހަނގުރާމަ ކުރަމުންދާ އިރު" ވާތުން އެހެންފަރާތަކާ "ހަނގުރާމަ ކުރަމުންދާ" ކަމަށެވެ. ނަމަވެސް ވާތުން ކުރަމުންދިޔަ ހަގުރާމަ ލަސްތަކެއްނުވެ ނިންމައި މުޅި މިސްރާބު ރައީސް ނަޝީދާ ދިމާލަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޒެޑް ޑީއާރުޕީގެ މަސައްކަތަކީ ވެރިކަން ހޯދުން އެކަންޏެއް ނޫން. ޒެޑް ޑީއާރުޕީގައި ހިތްވަރު އެބަހުރި ތައުލީމާއި ގާބިލްކަން އެބަހުރި. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ގައުމު އަލުން ބަދަލު ކުރުމުގެ ޒިންމާ ވެސް އޮތީ ޑީއާރުޕީގެ ބޮލުގައި އެޅިފައި. އިގްތިސޯދު މަގަށް އަޅުވައި ދީން ހިމާޔަތްކޮށް ތައުލީމާއި ސިއްހީ ދާއިރާ ހިމާހަތް ކުރަން ޖެހޭ،" އުމަރު ވިދާޅުވި އެވެ.