24 Mar 2016, 19:48
ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް އަޑުގަދަކޮށް ނުކިޔަމަންތެރިވި ބަޔަކު ގދ. ފަރެސްމާތޮޑާއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 01:00 ހާއިރު އެ ރަށުގެ އެހެން ބަޔަކާ މާރާމާރީ ހިންގަން އެ މީހުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށްގޮސް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްދީ މާރާމާރީ ހިންގުން ހުއްޓުވާފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން އެ މީހުން ވަނީ ރަށުތެރޭގައާއި ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް ކައިރިއަށް އައިސް އަޑުގަދަކޮށް ޕޮލިސް ސްޓޭޝަނަށް ގާފަދަ ތަކެތި އުކައި ހަދާފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫގައި މަސައްކަތްކުރާ އޮޕަރޭޝަންސް ފުލުހުން ފަރެސް މާތޮޑާއަށް އައިސް ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުންނާ އެކު ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓު ހެދުމުން މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ޓެސްޓުތަކުން ދައްކާފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގދ. ރަތަފަންދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 18 އަހަރު ނުފުރޭ ކުއްޖާގެ ބަންދަށް 14 ދުވަސް ޖަހާފަ އެވެ. އަދި ބާކީ ތިބި މީހުންގެ ބަންދަށް 13 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފަރެސްމާތޮޑާގައި ރޭ ހިނގާދިޔަ ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ އިތުރުން އުމުރުން 26 އަހަރުގެ އެހެން މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ.