އިނގިރޭސި ރޯޔަލް އެއާފޯސް ( އާރްއޭފް)ގެ ސިފައިން ގަމުން ފޭބިތާ 40 އަހަރު ފުރުން ފާހަގަކޮށް، އޭރު އެރަށުގައި އެކުގައި މަސައްކަތް ކުރި މީހުން އެއްތަން ވެލުމަށް ބާއްވާ ހަރަކާތަކަށް ކުރީގެ ސިފައިންތަކެއް ރާއްޖެއަށް އަތުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން މިއަދު ބުނީ ގަމުގައި މަސައްކަތް ކުރި އާރްއޭއެފްގެ މީހުން އަލުން އެއްތަން ވެލުމަށް ބާއްވާ ހަރަކާތް ( ރިޔޫނިއަން އިވެންޓް) ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އެކަމަށް ޓަކައި ސިލްސިލާ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.

އާރްއޭއެފްގެ ކުރީގެ ސިފައިންނަަށް މަރުހަބާ ކިއުމުގެ ގޮތުން އައިއެންއޭގައި މިއަުދ ބޮޑުބެރުޖަހަނީ. ފޮޓޯ: އެމްއެމްޕީއާރްސީ

ރާއްޖެއަށް މިއަދު އައި އާރްއޭގް މެމްބަރުންނަށް އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކީ އެމްއެމްޕީއާރްސީގެ އޮފިޝަލުންނެވެ. އެމީހުންނަށް މަރުހަބާ ކިއުމަށް އެއާޕޯޓްގައި ސަގާފީ ހަރަކާތްތަކެއް ބޭއްވިއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު "ވިޒިޓް މޯލްޑިވްސް ޔެއާ" ހަދިޔާތައް ވެސް އެމީހުންނަށް ދިނެވެ.

އާރްއޭއެފްގެ މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު 2010 ވަނަ އަހަރު ގަމަށް ޒިޔާރަތް ކުރިއެވެ. އޭގެ ފަހުން އެމީހުން އަންނަނީ ގަވައިދުން ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.

އެމްއެމްޕީއާރްސީން ބުނީ ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރު ފާހަގަކުރަމުން ދަނިކޮށް އާރްއޭއެފްގެ މެމްބަރުންނަށް މަރުހަބާ ކިޔަން ލިމަކީ އެކޯޕަރޭޝަނުން ފަހުރުވެރިވާ ކަމެއް ކަމަށެވެ. ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރުގެ ގޮތުގައި މިހިނގާ 2016 ވަނަ އަހަރު ފާހަގަ ކުރަމުން އަންނަނީ 1.5 މިލިޔަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށް އަމާޒުކޮށްގެންނެވެ.