24 Mar 2016, 16:01
ފ. އަތޮޅު ތައުލީމީ މަރުކަޒުގައި އަށް ކުލާސްރޫމާއި ދެ ލެބް އަދި މަލްޓިޕާޕޯސް ހޯލަކާއި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ނުވަ ކުލާސް ރޫމް އެޅުމަށް ސްވިފްޓު އިންޖިނިއަރިންގު ޕްރައިވެޓު ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީ އެވެ. ސްވިފްޓް އިންޖިއަނަރިންގު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގު ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީ ވިދާޅުވީ، މިއަދު ސޮއި ކުރި ދެ އެއްބަސް ވުމަކީ ވެސް ވޯލްޑު ބޭންކުގެ ދެ ޕްރޮޖެކްޓު ކަމަށެވެ.
"މި އެގްރީމެންޓުގެ ވެލިއުއަކީ 16.2 މިލިއަން ރުފިޔާ. ދެވަނަ އެގްރިމެންޓެއްގެ ގޮތުގައި ދެންމެ އަޅުގަނޑުމެން ސޮއި މިކުރީ ދ. އަތޮޅު ތައުލީމީ މަރުކަޒު، ކުޑަހުވަދޫގައި އަޅުގަނޑުމެން ވޯލްޑު ބޭންކުގެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ ނުވަ ކުލާސްރޫމް. މިއީ ވެސް 7.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ދެ ޕްރޮޖެކްޓުވެސް ސްވިފްޓު އިންޖިއަނަރިންގު ޕްރައިވެޓު ލިމިޓެޑާ ހަވާލު ކުރެވުނީ 360 ދުވަސްތެރޭ ނިންމާ ގޮތަށް ކަމަށެވެ. އަދި އެ ދެ އިމާރާތް ވެސް އަންނަ އަހަރު އެޕްރިލް މަހުގެ ދެވަނަ ހަފްތާ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރެވޭނެ ކަމަށް ވެސް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.