24 Mar 2016, 15:58
ޒަމާނުއްސުރެ ބާއްވަމުން އަންނަ "ނައިޓު މާކެޓް"ގެ މޭޒުތައް އިންޝުއަރެންސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނައިޓްމާކެޓު އިންތިޒާމް ކުރާ މޯލްޑިވްސް މިއުޒިކަލް އެންޑު އާޓްސް ސެންޓަރު (އެމްއެމްއޭސީ)އިން ބުނެފި އެވެ.
އެ ސެންޓަރުގެ ޗެއާމަން އަލީ އަބްދުލް ކަރީމް (ރުކުމާ) "ސަން"އަށް މިއަދު ވިދާޅުވީ މޭޒުތައް އިންޝުއަރެންސް ކުރުމާއެކު ވިއްސާރަވުމުގެ ސަބަބުން ނުވަތަ ލޮނުގެ އަސަރު ކުރުން ނުވަތަ ވަގަށް މުދާ ނެގުމުން ބަދަލު ލިބިގެންދާނެ ގޮތަށް ސްކީމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޭޒުތައް އިންޝުއަރެންސް ކުރަން ޖެހޭނީ އެކަމަށް ބޭނުންވާ ވިޔަފާރިތަކުން ކަމަށާއި ހެޔޮ އަގެއްގައި އިންޝުއަރެންސް ކުރެވޭނެ އުސޫލެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރުކުމާ ވިދާޅުވިއެވެ.
މޭޒުތަކުގެ ސެކިއުރިޓީ ބެލުމަށް ތަފާތު ކަންކަން މިފަހަރު ނިންމާފައިވާއިރު އެ ސަރަހައްދުގައި ސީސީޓީވީ ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް ރުކުމާ ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ މި އަހަރުގެ ނައިޓު މާކެޓު ކުރިއަށް ދާނީ އެހެން އަހަރުތަކަށް ވުރެ ޖާގައިގެ ގޮތުން މާ ބޮޑު ސަރަހައްދެއްގައި ނޫން ކަމަށާއި އެހެން ކަމުން ގިނަބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން މިއަހަރުގެ ނައިޓު މާކެޓު އެއް މަސް ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ރުކުމާ ވިދާޅުވީ މިފަހަރު އެއް މަސް ދުވަހަށް ނައިޓު މާކެޓު ކުރިއަށް ގެންދަން ބޭނުންވާ ފަރާތަކަށް މޭޒެއް ދޫކުރާނީ 15000 ރުފިޔާއަށް ކަމަށެވެ. ނަމަވެސް 15 ދުވަހަށް މޭޒެއް ނަގާ ފަރާތަކަށް މޭޒެއް ދޫކުރާނީ 7500 ރުފިޔާ އަށް ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ.