24 Mar 2016, 15:54
ސިނަމާލެ މާލޭ ހިޔާ ފުލެޓުތައް މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން އެދިފައިވާ ފައިސާ ވާނީ ދޫކޮށްފައިވާ ކަމަށާއި އިތުރަށް ފައިސާ އަށް އެދިފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ ފުލެޓުތައް މަރާމާތު ނުކުރެވި ވަނީ ފައިސާ ލިބިފައި ނުވާތީ ކަމަށް ސިޓީ ކައުންސިލުން ބުނާ އިރު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އަށް ވިދާޅުވީ އެދިފައިވާ ކަންކަން ވާނީ ކޮށްދީފައި ކަމަށާއި އެފުލެޓުތަކުގެ މަރާމާތަށް ފައިސާ ހޯދުމަށް އެމިނިސްޓްރީގައި އެދިފައިނުވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް މިއަދު ސަން އަށް ވިދާޅުވީ ފުލެޓުގެ މެއިންޓެނިންސް އަށް ފައިސާ ހޯދުމަށް ފިނޭންސްގައި އެދިފައިވީ ނަމަވެސް ބޭނުންވާ ވަރަށް ފައިސާ ލިބިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ލިބެނީ މެދުކެނޑުންތަކަށް ފަހުު ކަމަށް ޝިހާބް ވިދާޅުވި އެވެ.
އެ ފުލެޓުތަކުން ލިބޭ ކުލި ވެސް ޖަމާވަމުން އަންނަނީ ސަރުކާރަށް ކަމަށްވުމުން އެކަންކަމަށް ހަރަދު ކުރާނެ ފައިސާ ސިޓީ ކައުންސިލްގައި ނެތް ކަމަށް ޝިހާބް ވިދާޅުވި އެވެ.
އެ ފުލެޓުގެ މަރާމާތުގެ ކަންކަން ބެލެހެއްޓުން ވިލެޖް ކޮންސްޓުރަކްޝަންއާއި 2012 ވަނަ އަހަރު 10 އަހަރުގެ މުއްދަތަކަށް ހަވާލުކޮށްފައިވާ އިރު އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މަރާމާތުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ފައިސާ ލިބެނީ މެދުކެނޑުންތަކަށް ފަހު ކަމަށެވެ.
"ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބަޖެޓު ނުލިބުން، ކޮންމެ މަހަކު ފައިސާ ދޭގޮތަށް އެގްރިމެންޓުގައި އިނަސް ބައެއް ފަހަރު ފައިސާ ލިބެނީ ހަތަރު މަހުން އެއް ފަހަރު." އޮފިޝަލް ވިދާޅުވި އެވެ.
އެކުންފުނިން ހަވާލުވި އިރު ވެސް އަލިފާން ނިއްވާ ނިޒާމް ހުރީ މިހާރު ހުރި ހާލަތުގައި، ކަމަށާއި އެކަން ރަނގަޅު ކުރަންބެލި އިރު އެހޮޅިތަކުގެ ކުރެހުން ފެންނާކަށް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ އެ ފުލެޓުތަކުގެ ހާލަތު ވަރަށް ބޮޑަށްދަށްވެ ބޮޑެތި މަރާމާތުތަކެއް ވަނީ ބޭނުންވެފަ އެވެ.