ބޮލީވުޑުގެ ލެޖެންޑު، ޝަޝީ ކަޕޫރަކީ ސޯޝަލް މީޑިއާގައި އެންމެ ގިނައިން "މަރާލާފައިވާ" އެއް ތަރި ކަމުގައި ބުނެވިދާނެ އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ، އަދި ޑައިރެކްޓު ވެސް ކޮށްފައިވާ އުމުރުން 78 އަހަރުގެ ޝަޝީ ކަޕޫރަށް ކިޑްނީގެ މައްސަލަތަކެއް ދިމާވެ، ފަރުވާ ހޯދަމުން އަންނަތާ މިހާރު ދުވަސްތަކެއް ވަނީ ވެފަ އެވެ.

މިދިޔަ ބުދަ ދުވަހު ވެސް ބޮލީވުޑުގެ ސަޕޯޓަރުން ވަނީ އޭނާގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރުތައް ފެތުރި އެވެ.

އެކަމާ ގުޅިގެން ޝަޝީ ކަޕޫރުގެ ދަރިފުޅު އަދި ކާމިޔާބު އެކްޓަރު ކުނާލް ކަޕޫރު ބުނެފައި ވަނީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ބައްޕަ އޮތީ ގޭގައި. ހާލުވެސް ރަނގަޅު. ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކުގައި ހަގީގަތެއް ނެތް." ކުނާލް ބުންޏެވެ.

ކުނާލްގެ އިތުރުން، ޝަޝީއަށް ބޮޑުބޭބެ ކިޔާ ރިޝީ ކަޕޫރު ބުނެފައި ވަނީ ފަތުރަމުންދާ ވާހަކަތައް ހުއްޓާލުމަށް އެދޭ ކަމަށެވެ.

ޝަޝީ ކަޕޫރު އެންމެ ފުރަތަމަ ލީޑު ރޯލުން ފެނިގެން ދިޔައީ 1961 ވަނަ އަހަރު ނުކުތް "ދަރަމްޕުތުރާ" އިން ނެވެ. އޭގެ ފަހުން 1980 ގެ މެދުތެރެއާ ހަމައަށް އޭނާ ވަނީ 116 ފިލްމަކުން ފެނިގެން ގޮސްފަ އެވެ.

ޝަޝީގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "ދީވާރު"، "ކަބީ ކަބީ"، "ނަމަކް ހަލާލް" އަދި "ކާލާ ޕައްތަރު" ފާހަގަކޮށްލެވެ އެވެ.

ޝަޝީ ކަޕޫރުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2011 ވަނަ އަހަރު އޭނާ އަށް ވަނީ "ޕަދްމާ ބޫޝަން" އެވޯޑު ދީފަ އެވެ. ޕަޑްމާ ބޫޝަންއަކީ، އަސްކަރީ ޝަރަފުތައް އެއްފަރާތް ކޮށްފައި، އިންޑިޔާގެ ސަރުކާރުން އަރުވާ އިއްޒަތްތަކުގެ ތެރެއިން، ތިންވަނައަށް އެންމެ ޝަރަފުވެރި އިއްޒަތެވެ.

އޭގެ އިތުރުން 2015 ވަނަ އަހަރު، އިންޑިއާގެ ސިނަމާގެ ބައްޕަ ކަމުގައި ގަބޫލު ކުރާ، ދާދާސާހެބް ފަލްކޭގެ ޝަރަފުގައި ދެވޭ އެވޯޑުވެސް ޝަޝީ އަށް ވަނީ ލިބިފަ އެވެ.