ގޭންގުތަކުގައި ހަރަކާތްތެރިވާ ހަ މީހެއްގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރު ނެރެފިއެވެ.

ފުލުހުން މިއަދު ބުނީ 11 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓަށް ހުށަހެޅުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އެންގެވި ކަމަށެވެ. އޭގެތެރެއިން ހަ މީހެއްގެ މައްޗަށް ހައިކޯޓުން އަމުރު ނެރުމާ ގުޅިގެން އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޮނިކޮން އަމުރު ނެރެފައިވާ ހަ މީހުންނަކީވެސް ގްރޫޕް ހަދައިގެން މުޖުތަމައަށް ނުރައްކާފަދަ ބޮޑެތި ކުށްތައް ތަކުރާރުކޮށް ކުރަމުން އަންނަ ބައެއް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ގްރޫޕް ހަދައިގެން ނުރައްކާތެރި ކުށްތައް ތަކުރާރުކޮށް ކުރާކަމަށް ފާހަގަކުރެވިފައިވާ އިތުރު 5 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދެއްވުން އެދި ފުލުހުން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުންޏެވެ.

މޮނިކޮމް އަމުރު ނެރެފައި ވަނީ މ. ލިލީޕާކް ފަޒީލް ޙަމީދު،25، އާއި ގ. ކެރަފާގެ މުޙައްމަދު ޝާބިލް އިސްމާޢީލް،23، އާއި ދަފްތަރު އާރު އެސް. 9634 މިދުހަތު އަބޫބަކުރު،20، އާއި ގއ. ދާންދޫ ފަހުދާ ވާދީ ފައްސާން ވަލީދު،20، އާއި، މ. ހިއްސާ، ޢާޠިފް ޢަބްދުލް ޙަލީމް،24، އާއި، ދަފްތަރު ނަމްބަރު ޑީއެޗްއާރު 1475، އަޙްމަދު ރިޒާމް،26، ގެ މައްޗަށެވެ.

ހައިކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ އެ ހަ މީހުން މޮނިޓާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް:

  • ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުން.
  • ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން.
  • އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުން.
  • އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުން.
  • އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުން.
  • ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުން.
  • އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން.

ތަކުރާރުކޮށް ކުށްކުރާ އަދި ޚާއްސަކޮށް ވަކި ސަަރަހައްދުތަކަށް އެއްވެ ތިބެ އެސަރައްދުގައި އުޅޭ މީހުންނަށް ފުރައްސާރަކޮށް އުދަގޫކޮށް ތަފާތު ކުށްތައް ކުރަމުންދާ ބަޔަކާ މެދު މިފަދަ ފިޔަވަޅުތަކެއް ތަންފީޒުވެގެން ދިއުމަކީ އާއްމު ރައްކާތެރިކަމާއި އަމަން އަމާންކަން އިތުރުވެގެން ދާނެކަމެއްކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ފާހަގަކުރެއެވެ.

އެއަމުރާ ޚިލާފްވާ ފަރާތްތަކައި މެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ގާއިމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މީހުންނަށް އެ އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.