29 Apr 2011, 14:43
ޑީއާރުޕީގެ މެބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބި އެންމެންނަކީ، ޒެޑް ޑީއާރުޕީގެ މެންބަރުން ކަމަށް އެ ފެކްޝަނުން ބުނެފި އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެ ފެކްޝަންގެ މައި ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒެޑް ޑީއާރުޕީގެ ރަޖިސްޓްރާ މުހައްމަދު ޝަރީފު (މުންދު) ވިދާޅުވީ ޑީއާރުޕީގައި ތިބި އެއްވެސް މެންބަރަކު ޒެޑް ޑީއާރުޕީ އަށް ވަންނަން ފޯމު ފުރަން ނުޖެހޭނެ ކަމަށެވެ.
"ޑީއާރުޕީގެ ރަޖިސްޓްރީގައި ތިބި އެންމެންނަކީ ޒެޑް ޑީއާރުޕީގެ މެންބަރުން. އެއްވެސް މެންބަރަކު ޒެޑް ޑީއާރުޕީއަށް ވަންނަން ފޯމު ފުރާކަށް ނުޖެހޭނެ. ނަމަވެސް ޒެޑް ޑީއާރުޕީއާ ހިޔާލު ފަތާތު މެންބަރެއް ހުރިއްޔާ ވަކި ވެގެން އެހެން ޕާޓީއަކަށް ދާންވީ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ، ޑީއާރުޕީގެ ސައިޒަކީ 38،000 މެންބަރުން ނޫން ކަމަށެވެ. އަދި ތަންކޮޅެއް ހީވާގި ބަޔަކު އެ މަސައްކަތުގައި އުޅުނު ނަމަވެސް ޕާޓީގެ މެންބަރުންގެ އަދަދު ދެގުނައަށް އިތުރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެ ވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ކުރާނެ ކަމަކީ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ޕާޓީގެ މެންބަރުންގެ އަދަދު ދެގުނަ ކުކުރުން،" މުންދު ވިދާޅުވި އެވެ.
ރޭގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ހަމްދޫން އަބުދުﷲ ހަމީދު ވިދާޅުވީ، ޒެޑް ޑީއާރުޕީން އެ ކުރާ މަސައްކަތަކީ ވަކި މީހެއްގެ ނަން އުފުލައި ވަކި މީހެއްގެ ނަން ތިރި ކުރަން ކުރާ މަސައްކަތް ނޫން ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ޓަކައި، ދިވެހި ރައްޔިތުންގެ މަންފާށްއަށް ޓަކައި، ޒައީމު ދެއްކެވި ނަމޫނާއިން މިކުރާ މަސައްކަތަކީ ވެސް އެ މިސާލުގެ އަލީގައި ދިވެހި ރައްޔިތުންނަށް އިހްލާސްތެރި ބަޔަކާ ވެރިކަން ހަވާލު ކުރުން،" ހަމްދޫން ވިދާޅުވި އެވެ.