24 Mar 2016, 14:28
ކަނޑުފަޅުގެ މުއްސަނދިކަން ހޯދުމަށްޓަކާ މެރިކަލްޗާގެ ވަސީލަތްތައް ގާއިމްކުރުމަށް ވިޔަފާރި އުސޫލުން ހުއިފިލަނޑާ ގެންގުޅެ ބޮޑު ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ކަނޑުފަޅުގެ ފައިދާ އިތުރުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން، މިއަދު ފެށި ޕްރޮޖެކްޓަކީ ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތަރައްގީ ކުރުމަށްޓަކާ ފިޝަރީޒް މިނިސްޓްރީއާ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން "މެރިކަލްޗާ އެންޓާޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި 2013 ވަނަ އަހަރުން ފަށައިގެން ހިންގަމުން އަންނަ ޕްރޮޖެކްޓުގެ ދަށުން ހަވާލު ކުރި ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ހުއިފިލަނޑާ ބޮޑެތިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލުއިލޯނު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް ހަވާލުކޮށްފައި ވަނީ، ރާއްޖޭގައި ހުއިފިލަނޑާގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކުންފުންޏެއް ކަމަށްވާ، ބަރަކަތުލް ބަހުރު ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
ދެ އަހަރު ދުވަހުގެ އެ އެއްބަސްވުމުގެ ދަށުން އެއްބަސްވުން ހަވާލުކުރި ކުންފުނިން، ކުދި ހުއިފިލަނޑާ ބޮޑެތިކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުދި ހުއިފިލަނޑާ އާއި ހުއިފިލަނޑާ އާލާކުރުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެ މަސައްކަތް ކުރުމަށް މިއަދު ސޮއިކުރި ކުންފުންޏާ ހަވާލުކޮށްފައިވަނީ 2.4 މިލިއަން ދިވެހި ރުފިޔާއަށެވެ.
އެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ އިސްދޫ ކަޅައިދޫ އާއި ދަނބިދޫގައި ދެ ރަށުން 30 މީހުން ނަގައިގެންނެވެ. އަދި މަސައްކަތް އަންނަ މަހު ފަށަން ވަނީ ނިންމާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް ހަވާލުކުރި އެ ޕްރޮޖެކްޓުގެ ދަށުން އަށް މަހާއި އެއް އަހަރު ދުވަހުގެ ތެރޭގައި 168000 ރުފިޔާ ލިބޭނެ ކަމަށެވެ.
މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ވިސްނުންފުޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ، އިފާޑްއާ ގުޅިގެން މިއަހަރުގެ ތެރޭގައި ފާނަ އާލާކުރުމުގެ މަސައްކަތްތަކެއް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ.