24 Mar 2016, 14:45
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެކި ފަހަރުމަތިން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަޙުގީގުތައް ގޮސްފައިވާ ހިސާބެއް ހޯދުމަށް އެ ޕާޓީ އިން ފުލުހުންނަށް ސިޓީ އެއް ފޮނުވައިފި އެވެ.
އެމްޑީޕީ އިން ބުނީ، ތަހުގީގުތައް ގޮސްފައިވާ ހިސާބެއް ބެލުމަށް މިއަދު އެ ޕާޓީގެ ފަރާތުން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އޭގެތެރޭގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ގޭބަންދަށް ބަދަލުކުރި ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޮނުވާފައިވާ ސިޓީގެ މައްސަލަ ހިމެނޭ ކަމަށް އެ ޕާޓީ އިން ބުންޏެވެ.
ނަޝީދަށް ކަރެކްޝަންގެ ފަރާތުން ދިން ލިއުމަކީ ސައްހަ އެއްޗެއްތޯ ބެލުމަށް ކަރެކްޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 24ގަ އެވެ. އެދުވަހުން ފެށިގެން މިހާތަނަށް ދިޔަ އިރު ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން އެ ޕާޓީ އިން ވަނީ ނަޝީދުގެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން ސީޕީ އަރީފް އާ ބައްދަލުކޮށްފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި ތަހުގީގު އަވަސްކޮށްދެއްވާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް "މައާފު" ކޮށްފައިވާ ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.