24 Mar 2016, 14:14
ނަވާރަ ސަތޭކަ އެކާވީސް ވަނަ އަހަރު އެމެރިކާގެ ސެން ފްރެންސިސްކޯ އިން ފުރި ފަހުން، އެއްވެސް ޚަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލުނު އެގައުމުގެ ނޭވީގެ ޓަގުބޯޓެއް، ގެއްލުނުތާ 95 އަހަރު ފަހުން ފެނިއްޖެ އެވެ.
ޔޫއެސްއެސް ކޮނެސްޓޯގާ ނަމަކަށް ކިޔާ މި ބޯޓު ފެނިފައި ވަނީ، އެމެރިކާގެ ސެން ފްރެންސިސްކޯގެ ހުޅަނގުން 22 މޭލު ބޭރުން، ކަނޑު އަޑިންނެވެ. ކަނޑު ފެތިފައިވާ މި ބޯޓު އެންމެ ފުރަތަމަ އެމެރިކާގެ އިދާރާތަކަށް ފާހަގަވީ 2009 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އެއީ، 1921 ވަނަ އަހަރު ގެއްލުނު ބޯޓު ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެ އެވެ.
ދެން އިތުރަށް ހިންގި ތަހްގީގުތަކަކުން، 2014 ވަނަ އަހަރު ވަނީ، މިއީ ހަގީގަތުގައި ވެސް 1921 ވަނަ އަހަރު ގެއްލުނު ނޭވީގެ ޓަގުބޯޓު ކަން ހޯދިފަ އެވެ. ނަމަވެސް، ރަސްމީކޮށް މިކަން، އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަނާއި ނޭވީއިން ކަނޑައަޅައި، އިއުލާނު ކުރީ 23 މާރިޗު 2016 ވީ ބުދަ ދުވަހު އެވެ.
Wreckage photos matched w/ Naval History & Heritage Command's collection confirmed Conestoga#historymysterypic.twitter.com/k9r48BfwO8
— U.S. Naval History (@NavyHistoryNews)March 23, 2016
މީގެ 95 އަހަރު ކުރިން، 1921 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ޔޫއެސްއެސް ކޮނެސްޓޯގާ ސެން ފްރެންސިސްކޯގެ ގޯލްޑަން ގޭޓުން ނައްޓައިލީ، ހަވާއީގެ ޕާރލް ހާބަރު މަގުން، ސަމޯއާއަށް ދިއުމަށެވެ. އެހެން ނަމަވެސް އެ ބޯޓު ހަވާއީގެ ޕާރލް ހާބަރަށް ބަނދަރު ކޮށްފައެއް ނުވެ އެވެ. އެވަގުތުން ފެށިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާ އިން ފެށި ނަމަވެސް، އޭގެ ތިން މަސް ފަހުން ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓައިލި އެވެ.
ޔޫއެސްއެސް ކޮނެސްޓޯގާ ގެއްލުނު އިރު، އެ ބޯޓުގައި ތިބި އޮފިސަރުންނާއި ފަޅުވެރިންގެ އަދަދަކީ 56 އެވެ.