24 Mar 2016, 13:51
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ހިންގި ކޯސްތަކުން 845 ދަރިވަރުން ދަސްވެނިވެއްޖެ އެވެ. އޭގެ ތެރެއިން 683 ދަރިވަރުންނަކީ މުދައްރިސުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ޑިޕްލޮމާ ހާސިލު ކުރި ޓީޗަރުންނެވެ.
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ފަޔާޒް މޫސާ
މިއަދު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފަރާތްތަކާ ދަސްވެނިވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރާއި ގައުމީ ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ލަތީފުގެ އިތުރުން އެ ޔުނިވާސިޓީގެ ބައެއް އިސްވެރިންނާއި ބައެއް ސްޓޭޓު މިނިސްޓަރުންނެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅޫ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ޒަމާނަށް އައި ބަދަލުތަކާއެކު ޓީޗަރުން ތަމްރީނު ކުރުމަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ޓީޗަރުންނަށް އައި ބަދަލުތަކާ މެދު ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ތަމްރީނު ޕްރޮގުރާމްތައް ނިމިގެންދާއިރު. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން ކިޔަވާ ކުއްޖާ އާ ހަމައިން ފެށިގެން މުދައްރިސާއި މަތީ ތައުލީމު ފުރިހަމަ ކުރައްވާ ކޮންމެ ބޭފުޅަކީ ވެސް ލީޑާޝިޕް ސްކިލްސް ހުންނަން ޖެހޭ ބޭފުޅެއް ކަަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމު ހާސިލްކޮށްގެން ނުކުންނަ ކުއްޖާ އަށް އެ ކުއްޖަކު ތައުލީމު ހާސިލު ކުރި ދާއިރާއިން ފަސޭހަ ކަމާއެކު ވަޒީފާއެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަދި އެކުރެވޭ މަސައްކަތެއްގެ ބާވަތުން އޭނަ އަށް، މިސާލަކަށް ބިޒްނަސް ދައިރާއިން ކިޔެވި ކުއްޖެއް ކަމުގައި ވިޔަސް ވެސް އޭނަ ސައިންސްގެ ދާއިރާގައި މަސައްކަތް ކުރަން ޖެހޭ ހާލަތަށް އަޅުގަނޑުމެންގެ ރާއްޖޭގައި އެބަ ތަޖުރިބާ ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ފަޔާޒް މޫސާ
މިނިސްޓަރު ވިދާޅުވީ، އެފަދަ ހާލަތަކަށް މީހާ ހުށައެޅިގެން ދިޔަ ނަމަވެސް ހިންގުންތެރިކަމުގެ ހުނަރު އެމީހެއްގެ ކިބައިގައި އަށަގެންފިނަމަ އެ މީހަކަށް މަސައްކަތް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ގައުމީ ޔުނިވާސިޓީ އިން ހިންގި ކޯސްތަކުން އެންމެ މަތީ ވަނަ ހާސިލު ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުވެސް ހަވާލުކޮށްފަ އެވެ. އެ ދަރިވަރުންނާ އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ތައުލީމީ ދާއިރާއިންނާއި ނޫސްވެރިކަމުގެ ދާއިރާއިންނާއި ގާނޫނީ ދާއިރާ އިންނާއި ކައުންސިލިންގު އަދި ނާސިންގު ފަދަ ދާއިރާތަކުން ދަރިވަރުން ދަސްވެނިވެފަ އެވެ.