ތެހެރާން (މާޗް 24): އީރާނުން ދިޔަ އަހަރު ތެރޭގައި 60 ޓަނުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް އެގައުމުގެ ބޯޑަރު ކޮމާންޑަރު، ބްރިގޭޑިއަރު ޖެނެރަލް ގާސިމް ރަޒައީ ވިދާޅުވެއްޖެ އެވެ.

ރަޒައީ ވިދާޅުވީ އީރާނުގެ ބޯޑަރުން ހިފަހައްޓާފައި ވަނީ އެކި ބާވަަތުގެ މަސްތުވާތަކެތި ކަމަށެވެ.

"މިދިޔަ އަހަރު އީރާނުގެ ބޯޑާ ގާޑުން ވަނީ ގާތްގަނޑަކަށް 60 ޓަނުގެ އެކި ބާވަތުގެ މަސްތުވާތަކެތި ހިފަހައްޓާފަ،" އިސްލާމިކް ރިޕަބްލިކް ނިއުސް އޭޖެންސީ (އައިއާރްއެންއޭ)އާ ވާހަކަފުޅު ދައްކަވަމުން ޖެނެރަލް ރަޒައީ ވިދާޅުވި އެވެ.

އީރާނުގެ ދެކުނު ސަރަހައްދުތަކުގައި އެ ގައުމުގެ ފުލުހުން ކުރިއަށް ގެންދާ މިޝަންްތައް ބައްލަވާލައްވަމުން ޖެނެރަލް ރަޒައީ ވިދާޅުވީ މަސްތުވާތަކެތި ގައުމަށް އެތެރެކުރުން މަދުކުރުމަށް ބޯޑަރު ފުލުހުން އިތުރަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"ފުލުހުންނާއި ބޯޑަަރު ގާޑުން ތިބީ ގައުމަށް ގަވައިދާއި ހިލާފަށް ތެލާއި އެހެނިހެން ތަކެތި އެތެރެ ކުރާ މީހުން ހުއްޓުވަން ތައްޔާރަށް،" ރަޒައީ ވިދާޅުވި އެވެ.

ޔޫއެންއޯޑީސީގެ ވޯލްޑް ޑްރަގް ރިޕޯޓު 2014ގައިވާ ގޮތުން 2012 ވަނަ އަހަރު ދުނިޔޭގެ 74 ޕަސެންޓް އޮޕިއަމްއާއި 25 ޕަސެންޓް ހެރޮއިންއާއި މޯފިން ހޯދާފައި ވަނީ އިރާނުންނެވެ. (އައިއާރްއެންއޭ)