މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެސޯސިއޭޝަން އޯޕަން ނައިން ބޯލް މުބާރާތުގެ ޗެންޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އަހުސަން ހާޝިމް ހޯދައިފި އެވެ.

އެ މުބާރާތުގެ ޗެންޕިއަންކަން ހާޝިމް ހޯދީ ރޭ އެމްޕީބީއޭ ކްލަބް ހައުސްގައި ބޭއްވި ފައިނަލް މެޗުގައި ދުންޔާޒްއާ ވާދަކޮށް، މެޗު ކާމިޔާބު ކޮށްގެނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ހާޝިމް ކާމިޔާބު ކުރީ 9-7 ފްރޭމުންނެވެ.

މެޗަށްފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެންޕިއަނާއި ރަނަރަޕަށް ތައްޓާއި ފައިސާގެ އިންމާ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން، ގުޅީފަޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑް ޑިރެކްޓަރ އިބްރާހިމް އަފްރާދެވެ.

އެ މުބާރާތުގެ ޗެންޕިއަންކަން ހޯދި ހާޝިމަށް ފައިސާގެ އިނާމުގެ ގޮތުގައި 3000 ރުފިޔާ ދީފައި ވާއިރު، ރަނަރަޕްކަން ހޯދި ދުންޔާޒަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 1500 ރުފިޔާ ދީފަ އެވެ.

އެ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ އަހުމަދު ނަފީލެވެ.

ޖުމްލަ 35 ކުޅުންތެރިންނާ އެކު ފެށި އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 8 ގްރޫޕަކަށް ބަހާލައިގެންނެވެ.