24 Mar 2016, 12:50
ގޭންގްތަކަށް ނިސްބަތްވާ 10 މެމްބަރެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގަވައިފި އެވެ.
ގޭންގްތަކަށް ނިސްބަތްވާ 10 މެމްބަރެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގަވައިފި އެވެ.
އުމަރު އެ އެންގުން އަންގަވާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
I have ordered Police to run MoniCon Orders on 10 known gang members. More to come. Full force of the law will be applied.
— Umar Naseer (@UmarNaseerPPM)March 24, 2016
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެފަދަ އަމުރުތައް ގޭންގުތަކަށް ނިސްބަތްވާ އިތުރު މެމްބަރުންގެ މައްޗަށް ނެރެދިނުމަށް މޯލްޑިވްސް ޕޮލިސްގައި އެދޭނެ ކަމަށާއި ގާނޫނުގެ ހަގީގީ ބާރު ގޭންގުތަކާ ދެކޮޅަށް ހިނގާނެ ކަމަށެވެ.
މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ނެރޭ އަމުރެކެވެ. އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބުނެފައެވެ.
ހައިކޯޓުން ނެރޭ މޮނިކޮން އަމުރެއްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އެއް އަހަރު ހަމަވުމަށްފަހު އެފަދަ އަމުރެއްގެ މުއްދަތު އިތުރުކުރަން ހައިކޯޓަށް ހުށަހަޅަން މިނިސްޓަރަށް ފެނިއްޖެނަމަ އެކަން ކުރެވިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބުނެފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ މޮނިކޮމް އަމުރު ރައްދުކުރަންވާނީ އެ އަމަރު ރައްދުވާ މީހަކަށް ސީދާ ފުލުހުން ކަމަށެވެ.
މޮނިކޮން އަމުރަކާ މީހަކު ހަވާލުނުވެއްޖެނަމަ އެމީހަކާއި ދެ ހެކިންގެ ހާޒިރުގައިއެ އަމުރު އެމީހަކު ހުރި ތަނެއްގައި ބޭއްވުމުން އެ އަމުރު ރައްދުކުރެވުނީކަމަށްބެލެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ.
މޮނިކޮން އަމުރެއް ރައްދުކުރުމަށް އެމީހަކު ހޯދާ ނުފެނިއްޖެނަމަ، އެމީހަކު ދިރިއުޅޭ ގެއެއް ނުވަތަ އިމާރާތެއްގެ ބޭރު ދޮރުގައި މޮނިކޮން އަމުރުގެ ކޮޕީއެއް ތަތްކުރުމުން އެ އަމުރު އެފަރާތަކަށް ރައްދުވީކަމަށް ބެލެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ވަނީ ބުނެފައެވެ.
އެ އަމުރު ނެރޭތާ 90 ދުވަހުގެ ތެރޭގައި އަމުރު މުރާޖާކޮށްދިނުމަށް އަމުރު ރައްދުވާ ފަރާތައް ހައިކޯޓުގައި އެދެވިދާނެ ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ.