24 Mar 2016, 12:54
ކުދިންގެ ކިބައިގައި ރިވެތި އާދަތަކާއި ސިފަތައް އަށަގެންނެވުމަށް ބޭރުގެ ބަޔަކަށް ބަރޯސާ ވެއްޖެ ނަމަ، އެންމެ އެކަށީގެންވާ ގޮތެއްގައި ދިވެހިންގެ އާދަކާދަ އާއި ސަގާފަތާ ގުޅޭ ގޮތުން ދޭން ޖެހޭ ތައުލީމު ފޯރުކޮށް ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހިންގި ކޯސްތަކުގެ ދަރިވަރުން ދަސްވެނިވުމަށް މިއަދު ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބަޔަކީ ބޭރު މީހުން ކަމަށެވެ. އަދި އެއީ ތައުލީމު ދިނުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ގައުމެއްގެ އާދަކާދަ އާއި ސަގާފަތާއި އެ ގައުމަކަށް ބޭނުންވާނެ ހުނަރުވެރިކަމާއި އެގައުމަކަށް ބޭނުންވާނެ މުހިއްމު ސިފަތައް އަށަގެންނެވުމަށް އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ އަޅުގަނޑުމެންގެ ގައުމުގެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން މަސައްކަތް ކޮށްގެން މީހުން ބިނާ ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އާ މަންހަޖު ތަންފީޒު ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަންހަޖުގެ ބައެއް ދާއިރާތަކަށް ބޭނުންވާ މީހުން ހޯދުން ކަމަށެވެ.
"މިހާރުވެސް ސުކޫލްތަކުގައި ކިޔަވައިދެމުންދާ އެއް މާއްދާކަމުގައިވާ އަމަލީ ފަންނު ނުވަތަ ފަންނުވެރިކަން ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ތައުލީމު ދިނުމުގައި މިއަދުވެސް ރާއްޖޭގައި އެކަމަށް ބޭނުންވާނެ މީހުން ހޯދުމުގައި ގޮންޖެހުންތައް އެބަ ހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމު ފޯރުކޮށްދިނުމުގައި މުއައްސަސާތަކުން ތަފާތު ފިކުރު ގެންގުޅެން ޖެހޭ ކަމަށެވެ.
"ތައުލީމު ހާސިލްކޮށްގެން ނުކުންނަވާ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ގައުމީ އެކިއެކި މިންގަނޑުތަކާ އަޅުގަނޑުމެންގެ ތެރެއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ބެހޭ ގޮތުން ފުޅާކޮށް ވިސްނާ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް.... ބޭނުންވާނެ ތަފާތު އިލްމީ ތަފާތު ފެންވަރުގެ މަސައްކަތްތައް ކުރާ ބައެއްގެ ގޮތުގައި ހެދުމަށް." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމު ދޭ މުއައްސަސާތައް ފުރިހަމަ ވެގެންދަނީ އެ މުއައްސަސާތަކުގައި އެކަށީގެންވާ ދިރާސާކޮށް އޭގެ އަލީގައި އިލްމު އުފެއްދުމަށް މަސައްކަތް ކުރެވޭ ހިސާބަށް ދިއުމުން ކަމަށެވެ.
ހަމައެއާއެކު، ކިޔަވައިދިނުމާއި އުނގެނުމުގައި މިހާރަށް ވުރެ ބޮޑަށް ދިރާސާ ކުރުމުގެ ސަގާފަތްތެއް އުފެއްދުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.