މާލޭގައި މީހުން ހިތް ފަސޭހަ ކޮށްލަން ގޮސްތިބޭ ޕާކް ފަދަ ތަންތަނުގައި ކުށްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބުދުﷲ ނަވާޒު އިއްޔެ ވިދާޅުވީ މީހުން ހިތްފަސޭހަކޮށްލުމަށް މާލޭ ތެރޭގައި ހަދާފައި ހުރި ހުސްޖާގަތަކާއި ޕާކްފަދަ ތަންތަނުގައި ކުށްކުށަށް އަރައިގަންނަ މީހުން އެތަން ތަނުގައި ގިނަވެ، އެ ސަރަހއްދުތަކުގައި ބައެއް ބޮޑެތި މާރާމާރީތައް ހިނގާ ފައިވާ ކަމަށެވެ. އެގޮތުން އެކިވަރުގެ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އެނޫން ވެސް ޒާތުގެ 30 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ނަވާޒު ވިދާޅުވީ އެފަދަ ތަންތަނަކީ އެގޮތުން އެފަދަ ތަންތަނަކީ މީހުން ގޮސް ތިބެން ހިތްފަސޭހަ ތަންތަނަށް ހެދުމުގެ ގޮތުން އެފަދަ ތަންތަން ފުލުހުން މޮނިޓަރު ކުރަމުން ގެންދާނެ ކަމަށެވެ. އެ ގޮތުން އެ ތަންތަން ވީހާ ވެސް ބޮޑަށް ފުލުހުން ފޮނުވައިގެން ބަލަމުންގެންދާނެ ކަމަށާއި އަދި އެތަންތަނުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ފަހަކަށް އައިސް މާލެ ތެރޭގައި ކުށްކުރުން އިތުރުވެފައިވާތީ ފުލުހުން މިހާރު ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަނާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ނަވާޒު އިތުރަށް ވިދާޅުވީ މިހަފްތާ ތެރޭ ބޮޑެތި މާރާމާރީ އާއި ސީރިއަސް މައްސަލަތައް ރިޕޯޓުކޮށްފައިވާ ވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި މިހާޜު މަޑުމަޑުން ކުށްކުރުން މަދުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން 26 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 12 މީހަކު ވަނީ ގޭބަންދުކޮށްފަ އެވެ. ނަވާޒު ވިދާޅުވީ ގޭބަންދުކޮށްފައި ތިބޭ މީހުން ވެސް 24 ގަޑިއިރު ބަލަމުން ގެންދާ ކަމަށާއި އަބަދުވެސް އެމީހުން ގޭގައި އުޅޭތޯ ޗެކްކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ވަނީ މިދިޔަ ހަފްތާތެރޭ ވެސް ކޯޓު އަމުރާ އެކީ ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ 15 ތަނެއް ބަލައި ފާސްކޮށްފަ އެވެ. އެގޮތުން ބައެއް ގެސްޓް ހައުސްތަކުން ވަނީ މާރާމާރީ ހިންގުމަށް ބޭނުން ކުރާ ޒާތުގެ ތޫނު ހަތިޔާރު ހޯދާފަ އެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ނަވާޒު އަދި ވިދާޅުވީ މާލޭގެ ބައެއް ހިސާބުތަކުގައި ހުންނަ ފިހާރަތަކަށް ވަދެ ފައިސާ ނުދީ އެއްޗެހި ހިފައިގެން ދާ މައްސަލަ ވެސް ފަހަކަސް އައިސް މީހުން ރިޕޯތު ކުރާ ކަމަށެވެ. އަދި އަންހެން ސޭޓުން ތިބޭ ފިހާރަތަކަށް ވަދެ ފައިސާ ފޭރޭ މައްސަލަ ވެސް ފެންމަތިވަމުން އަންނަ ކަމަށް ނަވާޒު ވިދާޅުވި އެވެ.