24 Mar 2016, 11:54
ހުޅުމާލެ އިން ފްލެޓު ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި މޯބައިލް ނަންބަރުތަކުން ގުޅަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އަންގައިފި އެވެ.
އެޗްޑީސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެޗްޑީސީގެ ނަމުގައި ގުޅަމުން ގެންދާ ނަމްބަރުތަކުން ގުރުއަތުން ހޮވާ ފަރާތްތަކަކަށް ފްލެޓްއާއި ރޯހައުސް ލިބޭވާހަކާއި ޑައުންޕޭމަންޓް ދެއްކުމަށްޓަކައި ފައިސާ ޖަމާކުރުމަށް އެދެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކާއި ރޯހައުސް ތަކަކީ ކުރިއާލައި އިއުލާން ކުރެވިގެން، ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ދޫކުރެވުމުންދާ ތަންތަނަށް ވާއިރު ފްލެޓް ނުވަތަ ރޯހައުސް ލިބޭ މީހުންގެ މައުލޫމާތުތަކަކީ ރަސްމީ ސިފައިގައި ގެޒެޓް ކުރެވި، އެ ކޯޕަރޭޝަންގެ ވެބްސައިޓްގައި އަދި ރާއްޖޭގެ މީޑިއާތަކުގައި ހިއްސާ ކުރެވޭ މައުލޫމާތު ކަމަށެވެ.
"އަދި ފްލެޓް ނުވަތަ ރޯހައުސް ލިބޭފަރާތްތައް ވެސް އާއްމުކޮށް އަންގާ އިއުލާން ކުރާނެވާހަކަ އާއި އެފަދަ ބޭފުޅުންނާއި އިތުރު މައުލޫމާތު ހިއްސާ ކުރެއްވުމަށް ގުޅަމުންގެންދާނީ އެޗް.ޑީ.ސީގެ ލޭންޑް ލައިންތަކުން ކަމުގައިވެސް ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ގުޅައި ވަކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ނާންގާނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.
އެހެންކަމުން އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ ފަރާތްތަކާމެދު އިތުރަށް ސަމާލުވެ، އެފަދަ މީހުންނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމުގެ ބަދަލުގައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފަހަކަށް އައިސް ސަރުކާރުގެ އެކި މުއައްސަސާތަކާއި ބޮޑެތި ކުންފުނިތަކުގެ ނަމުގައި މީހުންނަށް ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުން އަންނަނީ އިތުރުވަމުންނެވެ. އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ބަލަމުން ގެންދާއިރު، އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.