ސަރުކާރުގެ ފަރާތުން ބޭރު ދުނިޔޭގައި ވަކާލާތު ކުރުމަށް ކަނޑައެޅި އިނގިރޭސި ވިލާތުގެ ލޯ ފާމް އޮމްނިއާ ސްޓްރެޓަޖީ އަށް ދިވެހި ރާއްޖެ އިން ދިން ފައިސާއަކީ އެމްއެމްޕީއާރުސީ އިން ކޮރަޕްޝަނުގެ ގޮތުގައި ހޯދި ފައިސާ ކަމަށް ބުނާ މައްސަލަ އިން އޮމްނިއާ ސްޓްރެޓަޖީ ސަލާމަތް ވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ދަ ޑެއިލީ މެއިލް ނޫހުން ބުނީ މައްސަލަ ނޫހުގައި ރިޕޯޓު ކުރި ފަހުން، އިނގިރޭސި ވިލާތުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ފާމްތައް ރެގިއުލޭޓު ކުރާ ސޮލިސިޓާސް ރެގިއުލޭޓާސް އޮތޯރިޓީ އިން ވަނީ އެ މައްސަލަ ބަލަން ފަށާފައި ކަމަށެވެ. އަދި އެ އޮތޯރިޓީ އިން ބުނެފައި ވަނީ، މައްސަލައިގެ ތަހްގީގު ނިމިފައިވާ ކަމަށެވެ. އެ މައްސަލާގައި އޮމްނިއާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް އެ މައްސަލައިން ފެނިފައި ނުވާ ކަމަށް އެ އޮތޯރިޓީ އިން ބުނާ އިރު، އެކަމަށް އެއްވެސް ސަބަބެއް، ނުވަތަ އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެ އެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއަގެ އަނބިކަނބަލުން ޝެރީ ބްލޭއާ ހިންގަވާ އޮމްނިއާ ސްޓްރެޓަޖީ އިން ދިވެހި ރާއްޖޭގެ ފަރާތުން ބޭރު ދުނިޔޭގައި ވާހަކަ ދައްކަވައި، ވަކާލާތު ކުރުމުގެ އަގުގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ފައިސާ ދެއްކީ އެމްއެމްޕީއާރުސީ އިން ކަން ވަނީ ހާމަ ކޮށްފަ އެވެ. އެ ނޫހަށް ލިބުނު ލިޔެކިޔުންތަކުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ ފަރާތުން އޮމްނިއާ އަށް ދެ ފަހަރެއްގެ މަތިން ވަނީ 210،000 ޕައުންޑް ފޮނުވާފައިވެ އެވެ.

ޝެރީއަށް ދިވެހިރާއްޖެ އިން ދިން ފުލް ޕޭމެންޓުގެ އަދަދަކީ 420،000 ޕައުންޑް ކަމަށް ޑެއިލީ މިރާ އިން ރިޕޯޓު ކުރެ އެވެ. އެ ފައިސާ އެމްއެމްޕީއާރުސީ އިން ދައްކާފައި ވަނީ، ދިވެހި ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެމްސީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް އެ ކުންފުނީގެ ވެރިޔާ ބުނެފައި ވަނީ، އޭނާ ލައްވައި އެ ފައިސާ އޮމްނިއާ އަށް ޓްރާންސްފާ ކުރުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި މައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް ކަމަށެވެ. އެހެން ނަމަވެސް ޑެއިލީ މެއިލް އާއި ސްކައިޕު މެދުވެރިކޮށް ވާހަކަ ދައްކަމުން އައްލާމް ބުނީ އޮމްނިއާ ސްޓްރެޓެޖީ އަށް ފައިސާ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް، ފައިސާ ފޮނުވި އިރު އެއީ ކޮން ފައިސާއެއް ނޭނގޭ ކަމަށެވެ.