އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލުހުކުމް ބާތިލްކޮށްދިނުމަށް އިމްރާންގެ ފަރާތުން ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.

އިމްރާންގެ ފަރާތުން އެގޮތަށް އެދިވަޑައިގަތީ މިއަދު ހައިކޯޓުގައި ބޭއްވި އިސްތިއުނާފުގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައެވެ.

އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ 12 ނުކުތާއެއް ފާހަގަކޮށްފައެވެ.

އިމްރާންގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު "މޭޑޭ މުޒާހަރާ" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިނީ އިމްރާން ބުނެގެންކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެނގެން ނެތް ކަމަށެވެ.

އިމްރާންގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އިމްރާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނީ އިމްރާން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަތީއަތަށް ގަބޫލު ކުރެވޭތީ ކަމަށް އޭނާ އަށް އިއްވި ހުކުމްގައި ވެއެވެ.

އެކަމާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ ފަނޑިޔާރަށް އެކަން ގަބޫލުކުރެވުނީ ކީއްވެގެން ކަމެއް ހުކުމުގައި ބަޔާންކޮށްފައިނުވާ ކަމަށާއި ފަނޑިޔާރަށް އެކަން ގަބޫލުކުރެވުނީ ކީއްވެގެންކަން ހުކުމްގައި ބަޔާންކުރަން ޖެހޭނެ ކަމަށެވެ.

މުޒާހަރާގައި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ދައުލަތުން ބުނާއިރު އެ މުޒާހަރާގައި ރައްޔިތުންގެ މުދަލަށް ގެއްލުން ލިބުނުކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އިމްރާންގެ ގާނޫނީ ވަކީލު އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގީ އިމްރާން ދެއްކެވި ވާހަކަތަކުން ހިއްވަރު ލިބިގެން ކަމަށް ދައުލަތުން ބުނާއިރު، އެފަދަ އެއްވެސް އިރުޝާދެއް ދެއްވިކަން ދައުލަތުން ސާބިތުކޮށްދީފައިނުވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ މީހަކު ކުރި ކުށެއްގެ ޒިންމާ އެހެން މީހަކު ނަގަން ނުޖެހޭ ކަމަށް ގުރުއާނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގުރުއާނުގެ އާޔަތް ވެސް އޭނާ ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އިމްރާނަށް ދައުވާކޮށް ހުކުމް އިއްވާފައި ވަނީ ވެސް އޭނާގެ ވާހަކަތައް ނުބައިކޮށް ތަރުޖަމާކޮށްގެން ކަމަށެވެ. އަދި ސާފު ނައްސަކުން އެނގެން އޮންނަ ވާހަކައެއް ތަރުޖަމާ ނުވަތަ މާނަކުރަން ނުޖެހޭނެ ކަމަށް ރަސޫލާގެ ހަދީސެއްގައިވާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އެއްވެސް ހަމަނުޖެހުމެއް މުޒާހަރާގައި ނުހިންގުމަށް ސާފު ބަހުން އިމްރާންގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އިމްރާންގެ ވަކީލުންގެ ވާހަކަތަކަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ ހަމަނުޖެހުން ނުހިންގަން ބައެއް ފަހަރު ވާހަކަދެއްކެވިޔަސް އަނެއްބައިފަހަރު ހަމަނުޖެހުން ހިންގަން އޭނާ ގޮވާލާފައިވާ ކަމަށެވެ.

މުޒާހަރާގައި ހިނގި ހަމަނުޖެހުންތައް ހުއްޓުވަން އިމްރާން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބަލަން ފުރަތަމަ އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން ހިމެނިވަޑައިގަންނަވާތީ އެ ދެ ބޭފުޅުންނަށް ހައިކޯޓުގެ ބެންޗުގައި ނުތިބެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިމްރާންގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފައެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމީ މައުޟޫއީގޮތުން މައްސަލަ ކުރިއަށް ގެންދެވި އިރު އަބްދުﷲ ދީދީ އާއި ސުޖާއު އުސްމާން ބެންޗުގައި ހިމެނިވަޑައިނުގަންނަވާތީ ހައިކޯޓުގައި އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި އެ ދެ ބޭފުޅުންނަށް ތިބެވޭނެ ކަމަށެވެ.