24 Mar 2016, 12:35
ޔަންގޮން (މާޗް 24): މިޔަންމާގެ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް ނަން ހުށަހެޅި މީހެއްގެ އަތުގައި އޮތީ ފޭކު ޕީއެޗްޑީއެއް ކަމަށް ފަޅާއަރައިފި އެވެ.
އެއީ ފޭކު ޕީއެޗްޑީއެއްކަން އެނގުނީ ނެޝަނަލް ލީގު ފޯ ޑިމޮކްރަސީ (އެންއެލްޑީ) އިން ކްޔޯ ވިންގެ ވަނަވަރު އާއްމު ކުރުމުންނެވެ. މަޖިލީހުގެ "ރުހުން" ހޯދަން ހުށަހަޅާފައިވާ ކްޔޯ ވިންގެ ވަނަވަރުގައިވާ ގޮތުން އޭނާ ވަނީ އެމެރިކާގައި ހުންނަ ބްރޫކްލިން ޕާކު ކިޔާ ޔުނިވާސިޓީއަކުން ޕީއެޗްޑީއެއް ހާސިލުކޮށްފަ އެވެ.
ވަނަވަރު އާއްމު ކުރިތާ މާގިނަ އިރެއް ނުވެ ޝޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ވަނީ އޭނާގެ އަތުގައި އޮތީ ފޭކް ޕީއެލްޑީއެއްކަން ސާބިތުކޮށްދީފަ އެވެ. އެކަން ސާބިތުކޮށްދީފައި ވަނީ ނިއު ޔޯކް ޓައިމްސްއިން ކުރި ތަހުގީގަކާ ހަވާލާދީ އެވެ.
ބްރޫކްލިން ޕާކު ޔުނިވާސިޓީއަކީ ވުޖޫދުގައި އޮތް ޔުނިވާސިޓީއެއް ނޫނެވެ. އެއީ ސޮފްޓްވެއާ ކުންފުންޏަކުން ހަދާފައިވާ ފޭކު އޮންލައިން ޔުނިވާސިޓީއެކެވެ. ކްޔޯ ވިންގެ ނެގި ޕީއެޗްޑީއަކީ އެތަނުން ގަނެފައިވާ އެއްޗެކެވެ.
މިދިޔަ އަހަރުގެ މޭ މަހު ނިއުޔޯކް ޓައިމްސް އިން ހެދި ތަހުގީގަކުން ދެއްކި ގޮތުގައި "ބްރޫކްލިން ޕާކު ޔުނިވާސިޓީ"އަކީ ޕާކިސްތާނުގެ އެގްޒެކްޓް ކިޔާ ސޮފްޓްވެއާ ކުންފުންޏަކުން ހަދާފައިވާ ވެބް ސައިޓެކެވެ. އަދި އެ ވެބްސައިޓުން ވަނީ ފޭކު ޕީއެޗްޑީތައް ވިއްކައިގެން އެތައް މިލިއަން ޑޮލަރު ހޯދާފައި ކަމަށް ތަހުގީގުން ދެއްކި އެވެ.
އޭގެ ފަހުން، މިޔަންމާގެ ޓައިމްސް ނޫހުން އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކްޔޯ ވިން ވަނީ ފޭކު ޕީއެޗްޑިއެއް ގަނެފައިވާ ކަމަށް އިއުތިރާފުވެފަ އެވެ.
"ކެލިފޯނިއާގެ ޔުނިވާސިޓީއަކަށް ވަންނަން 2005ގައި އަހަރެން މަސައްކަތް ކުރިން އެކަމަކު އެކަން ކާމިޔާބެއް ނުވި. އޭގެ ފަހުން 2008 ވަނަ އަހަރު އަހަރެން ބްރޫކްލިން ޕާކު ޔުނިވާސިޓީގެ އޮންލައިން ކޯހެއް ހަދަން ފެށިން. ތީސީއެއް ލިޔަން މަސައްކަތް ކުރިން ނަމަވެސް އޭތި ނުނިންމަން. އަހަރެންގެ ވަނަވަރުގައިވާ ޕީއެޗްޑީއަކީ އަސްލެއް ނޫން،" ކްޔޯ ވިން ބުންޏެވެ.
ކްޔޯ ވިން ވަނީ މީގެ ފަހުން އޭނާގެ ނަމުގައި "ޑޮކްޓަަރު" ބޭނުން ނުކުރާނެ ކަމަށް ބުނެފަ އެވެ.
މިނިސްޓަަރު ކަމަށް ކްޔޯ ވިންގެ ނަން ހުށަހެޅި އެންއެލްޑީން ވަނީ އެއީ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ. (ބީބީސީ)