24 Mar 2016, 12:34
ވޮޝިންޓަން (މާޗް 24) : ދުނިޔޭގައި އެމެރިކާއާ ވާދަކުރެވޭނެ ދެގައުމަކީ ރަޝިޔާ އާއި ޗައިނާ ކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް އެ ގައުމުގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ސްޓަންފޯޑް ޔުނިވަސިޓީގައި ދެއްވި ތަގްރީރެއްގައި ހިލަރީ ވިދާޅުވީ އެ ދެ ގައުމަކީ މިހާރު ވެސް އަދި މުސްތަގްބަލްގައި ވެސް އެމެރިކާއާ ވާދަކުރެވޭ ވަރުގެ ދެ ގައުމެވެ. ޗައިނާއަކީ އިގްތިސާދީގޮތުން އެމެރިކާއަށް ވުރެ ވެސް ބާރަށް ކުރިއަރަމުން އަންނަ ގައުމެކެވެ. އެހެންކަމުން 2019 ވަނަ އަހަރު ނޫނީ އެއަށްވުރެ ވެސް ކުރިން ޗައިނާ، އިގްތިސާދީ ގޮތުން އެމެރިކާއާ އެއްވަރުކުރާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ. ރަޝިޔާއަކީ ހަތިޔާރުގެ ޓެކްނޮލޮޖީ އާއި ފަޒާގެ ޓެކްނޮލޮޖީގައި މިހާރު ވެސް އެމެރިކާއާ އެއްހަމައެއްގައިވާ ގައުމަކަށްވާއިރު އިގްތިސާދީ ގޮތުން އެމެރިކާއާ ފައި ހަމަކުރުމުގެ ގުދްރަތީ ވަސީލަތްތައް ރަޝިޔާއަށް ލިބިގެންވެ އެވެ.
ހިލަރީ ވިދާޅުވީ އެމެރިކާގެ މަސްލަޙަތު އޮތީ އެގައުމުގެ ވާދަވެރި ގައުމުތަކާ ކުރިމަތިލައިގެން ނޫންކަމަށާ އެގައުމުތަކާ އެކު ބެލެންސް ގުޅުންތަކެއް ގާއިމްކޮށްގެން ކަމުގައެވެ. މިގުޅުންތައް ވާންޖެހޭނީ ދުނިޔޭގެ އަމްނާއި ސުލްޙަ ގާއިމް ކުރުމަށް ބާރުއަޅާ ގުޅުންތަކަކަށް ކަމަށް ވެސް ހިލަރީ ވިދާޅުވި އެވެ. ދުނިޔެއަށް ބާރާއި ނުފޫޒު ހިންގުމަށް އެމެރިކާ ބިނާކޮށްފައިވާ ހަތިޔާރުތަކާއި މާލީ މުއައްސަސާތަކާ އަދި ވިޔަފާރިއާއި ބޭންކިން ނިޒާމުގެ ބާރު މިހާރުވަނީ ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފަ އެވެ. ދުނިޔެ އަށް ބާރާއި ނުފޫޒު ހިންގުމަށް އެމެރިކާ އިސްވެ އޮވެގެން ބިނާކޮށްފައިވާ މާލީ މުއައްސަސާތަކުގެ ތެރޭގައި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ހިމެނެ އެވެ.
ޗައިނާގެ އެގްޒިމް ބޭންކާއި ބްރިކްސް ޖަމާއަތުގެ ބޭންކާއި އަދި އެންމެފަހުން އުފެއްދި އޭޝިޔާ އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް ފަދަ ބޭންކްތައް އުފައްދައި އެތަންތަނުން ދުނިޔޭގެ ގައުމުތަކަށް ސިޔާސީ ޝަރުތުތަކާ ނުލައި ބޮޑެތި ލޯންތައް ލިބޭނެ މަގުތައް ފަހިވުމާއެކު ވޯލްޑް ބޭންކާއި އައިއެމްއެފް ގެ ބާރާއި ނުފޫޒު ވަނީ ކުރިޔާއަޅާ ބަލާ އިރު ވަރަށްބޮޑަށް ކުޑަވެގެން ގޮސްފަ އެވެ. ވޯލްޑް ބޭންކާއި އައިއެމްއެފް އަކީ ހުޅަނގުގެ ވެލިޔުސްތައް ޕްރޮމޯޓްކުރުމާއި އެމެރިކާ ބޭނުންވާ ސިޔާސީ ޝަރުތުތައް ކުރިމަތިކޮށްގެން ގައުމުތަކަށް ލޯންތައް ދެމުން ގެންދާ ދެ މުއައްސަސާއެވެ.
ނަމަވެސް މިދެ މުއައްސަސާ އެއްފަރާތް ކުރުމަށްފަހު ޗައިނާގެ އެގްޒިމް ބޭންކާއި ބްރިކްސް ބޭންކުގެ އިތުރުން އެނޫން ވެސް މާލީ އެހެން މުއައްސަސާތަކުން ގައުމުތަކަށް ބޮޑެތި ލޯންތައް ލިބޭތީ އެގައުމުތަކަށް އެމެރިކާގެ ބާރާއި ނުފޫޒު ހިންގުމުގެ ފުރްސަތު އެމެރިކާއަށްވަނީ ގެއްލިފަ އެވެ. އަދި އެފްރިކާގެ ގައުމުތަކުގައި ޗައިނާ މިހާރު ކުރަމުން ގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކާ އެކު އެ ގައުމުތަކާ މުއާމަލާތް ކުރުމަށް ޗައިނާގެ ފައިސާގެ ބޭނުން ކުރުން އެއީ މާދުރުގައިވާ ކަމެއްނޫންކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ.
މިހެންވެއްޖެ ނަމަ އެމެރިކާގެ ޑޮލަރުގެ ބާރު ދުނިޔޭގައި ކުޑަވެ ސިޔާސީ ކަންކަމުގައި ގައުމުތަކަށް ބިރުދައްކައިގެން އެގައުމުތަކުގެ އެކައުންޓްތައް ފްރީޒް ކުރުމުގެ ފުރްސަތު ވެސް އެމެރިކާ އަށް ވަރަށް ބޮޑަށް ގެއްލިގެންދާނެކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)