ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަހަރުން އަހަރަށް ރާއްޖެއިން ޓީބީ ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުންދާ ޓީބީ ދުވަހާ ގުޅިގެން އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2012 ވަނަ އަހަރު 110 މީހުންނަށް ރާއްޖެއިން ޓީބީ ޖެހިގެން ރަޖިސްޓަރީ ކޮށްފައިވާއިރު ވޭތުވެދިޔަ 2015 ވަނަ އަހަރު އެ އަދަދު 156 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިންނާއި ބިދޭސީން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، 1966 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި 10952 މީހުން ޓީބީ ޖަރާސީމު ހުރެގެން ފަރުވާ ކުރުމަށްޓަކާ އެ އެޖެންސީގައި ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ، ޓީބީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު އާބާދީ ތަކުގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ ބިދޭސީން ކަމަށާއި މިހާރަކަށް އައިސް އޭގެ ތެރެއިން ގިނަ ބައެއްގެ ގައިން ޓީބީ ބަލި ފެންނަމުންދާ ކަމަށް ނެޝެނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމްގެ ތަފާސް ހިސާބު ތަކުން ދައްކާ ކަމަށެވެ.

ރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މި ސަރަހައްދުގެ އެންމެ ގިނައިން ޓީބީ ފެންނަ ގައުމުތަކުން ކަމަށް ވާއިރު ރާއްޖޭގައި ޓީބީ ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު ކަމެއްދީގެން ސްކްރީންކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި އެ މީހުން ހިމެނޭ ކަމަށް ވެސް އެޖެންސީން ބުނެ އެވެ.

ނަމަވެސް ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ ހާއްސަކޮށް ގަވާއިދާ ހިލާފާށް އުޅޭ ބިދޭސީންނަކީ، ސިއްހީ ހިދުމަތް ލިބިގަތުމަށް ފަސްޖެހޭ އަދި ސިއްހީ ހިދުމަތްތައް އެ މީހުންނާ ހަމައަށް ވާސިލްކުރުމަށް އުނދަގޫ ފަރާތްތަކެއް ކަމަށް ބުނެފައިވެ އެވެ.

ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި އެ މީހުންގެ މެޑިކަލް ހަދާ ބައެއް ފަރާތްތަކުން ވެސް މިކަމަށް ދޭންވާ ވަރަށް ސަމާލުކަން ނުދޭކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި ޓީބީއަށް ފަރުވާ ކުރުމާއި ބަލި މީހުންނަށް ފަރުވާ ކުރުމާއި ރާއްޖޭން އެ ބަލި މަދުކުރުމަށް މަސައްކަތްކުރާ މައި އިދާރާއަކީ ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގެ ދަށުން ޓީބީ ބަލި ހުރިކަމަށް ޑައިގްނޯސް ކުރެވޭ ކޮންމެ މީހަކު ބަލިމީހެއް ގޮތަށް ރަޖިސްޓްރީވެ އެ މީހަކަށް ބޭނުންވާ ޓެސްޓްތަކާއި ބޭނުންވާ ބޭސް ހިލޭ ފޯރުކޮށްދެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، އެ ޕްރޮގްރާމު އޮތް ނަމަވެސް ބައެއް ފަރާތްތަކުން ރާއްޖޭގައި ޑޮކްޓަރުން ޓީބީ ބަލި ހުރި ކަމަށް ޝައްކުވާ ކަމަށް ބުނުމުން ރާއްޖޭން ބޭރަށް ފަރުވާ ކުރުމަށްދާ ކަމަށެވެ.

ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝް މީހުން ރާއްޖެ އައުމުގެ ކުރިން ޓީބީ އަދި އެހެނިހެން ގައިންގަޔަށް އަރާ ބަލިތައް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެ އެވެ.

ޓީބީ ފެތުރޭ ގޮތް

ޓީބީ ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީ.ބީ ޖެހިފައިވާ މީހުންގެ ތެރެއިން، ކުޅުގައި ޖަރާސީމު ހުންނަ ބަލިމީހުންގެ ފަރާތުންނެވެ. ކުޅުގައި ޓީބީ ގެ ޖަރާސީމު ހުރި މީހުން ކެއްސާ، ކިނބިހި އަޅައި ނުވަތަ ކުޅު ޖެހުމުން ވައިގެ ޒަރީއާއިން ކުޅުގައިވާ ޖަރާސީމު އެހެން މީހުންނަށް ވާސިލްވެއެވެ. ޓީބީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާސިލްވާ އެންމެންނަށް ބަލީގެ އަސަރު ނުކުރުން އެކަށީގެންވެއެވެ. މިފަދަ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލީގެ ޖަރާސީމު ވާސިލެއް ނުވާނެއެވެ.

މިގެ ތެރެއިން ބަލީގެ އަސަރުތައް ފެންނަނީ 10 ޕަސެންޓް މީހުންގެއެވެ. އެހެން ނަމަވެސް މިފަދަ މީހުންގެ ތެރެއިން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން، ހަކުރު ބަލި ޖެހިފައިވާ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން، އަދި ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރާ މީހުންނަށް ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑުވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޓިބީ ބަލި ޖެހުމަށް އަދި މިބަލީގައި ފުރާނަ ދިއުމަށް މެދުވެރިވާ މުހިއްމު އެއް ސަބަބެވެ. ދުނިޔޭގައި ފެންނަ ޓީބީ ގެ ހުރިހާ ކޭސް ތަކުގެ ތެރެއިން 20 ޕަސެންޓަކީ ސީދަ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޓީބީއަށް މަގުފަހިވެ، ބަލިޖެހިފައިވާ މީހުންނެވެ.

ޓީބީ ބަލި ހުރިކަން ދެނެ ގަތުން

ޓީބީ ބަލި ޖެހޭ ގުނަވަނެއްގެ ގޮތުން މިބަލީގެ އަލާމާތްތައް ތަފާތުވެއެވެ. ޓީބީ ޖެހޭ މީހުންގެ ކިބައިން އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ގިނަ ދުވަހު ކެއްސުން (ފުއްޕާ މޭގެ ޓީބީ ގެ އަލާމާތެއް)، ހުން އައުން، އާދަޔާ ހިލާފަށް ރޭގަނޑު ދާ ހިއްލުން، ބަރުދަން ލުއި ވުން، ކާ ހިތް ނުވުން ހިމެނެއެވެ.

ބަލީގެ ފުރަތަމަކޮޅު، މި އަލާމާތްތައް ހުންނަނީ ވަރަށް އާދައިގެ މިންވަރަކަށެވެ. އެހެންކަމުން ފަރުވާ ނުހޯދާ ގިނަ ދުވަސްވެ، ބަލި އިތުރަށް ގޯސްވާ ގޮތް މެދުވެރިވެއެވެ.

ޓީބީ ބަލި ޖެހިފައިވޭތޯ ބަލަނީ އާއްމުކޮށް ތިން ދުވަސް މަތިން ކުޅުނަގައި އޭގައި ޖަރާސީމު ހުރިތޯ ބެލުމާއި އެކްސް ރޭ އިންނެވެ. ނަމަވެސް ފުއްޕާމޭ ނޫން އެހެން ގުނަވަނަކަށް ޓީބީ ޖެހިފައިވާ ނަމަ، އެހެނިހެން ޓެސްޓްވެސް ހަދަން ޖެހިދާނެއެވެ.

ޓީބީގެ ފަރުވާ

ޓީބީ އަކީ އަވަހަށް ދެނެގަނެ، ގަވާއިދުން ފަރުވާ ކުރެވިއްޖެ ނަމަ މުޅިން ފަސޭހަވާ ބައްޔެކެވެ. މުޅި ދުނިޔޭގައިވެސް ޓީބީގެ ފަރުވާއަށް ދެވެނީ އެއް ބޭހެކެވެ. އާއްމުކޮށް ޓީބީ ގެ ފަރުވާ ދެނީ ހަ މަސް ދުވަހުއެވެ. ނަމަވެސް ބައެއް ކަހަލަ ޓީބީ އަށް މިއަށްވުރެ ގިނަ ދުވަހު ފަރުވާ ކުރަންޖެހިދާނެއެވެ.

ޓީބީ އަކީ 'ސީދާ ބެލުމުގެ ދަށުން' ފަރުވާ (DOTS ނުވަތަ ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް ޝޯޓްކޯޒް) ދެވޭ ބައްޔެކެވެ. މީގެ މާނައަކީ ޓީބީގެ ބޭސް ބަލިމީހާ ކޮންމެ ދުވަހަކު ކާނީ ސިއްހީ އެހީތެރިއެއްގެ ނުވަތަ ޒިންމާދާރު އެހެން ފަރާތެއްގެ ބެލުމުގެ ދަށުންނެވެ. މީގެ ބޭނުމަކީ ގަވާއިދުން ބަލިމީހުން ބޭސް ކާކަން ޔަގީން ކުރުމާއި ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަމާއި މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ބޭސް މެދުކެނޑުން މަދު ކުރެވުމުން، ބޭހަށް ނުގުޑާ ޓީބީއަށް ބަދަލުވުމުގެ ފުރުސަތު ކުޑަވެއެވެ.

ބަލިން ރައްކާތެރިވުން

ކުޅުގައި ޖަރާސީމު ހުރި ޓީބީ ގެ ބަލިމީހަކު ޑައިގްނޯސް ކުރެވުމުން، އޭނާއާއި އެއްކޮށް އުޅޭ މީހުންވެސް ޓީބީ އަށް ޓެސްޓް ކުރެވޭނެއެވެ. މީގެ ތެރޭގައި އެއްގެއެއްގައި ނުވަތަ އެއްތަނެއްގައި ދިރިއުޅޭ ފަރާތްތައް، އެއްތަނެއްގައި ވަޒީފަ އަދާ ކުރާ ފަރާތްތައް ނުވަތަ އެއް ކްލާހުގައި ކިޔަވާ ކުދިން ހިމެނެއެވެ.

މިގޮތަށް ސްކްރީން ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް މާންޓޯ ޓެސްޓް ކިޔާ ޓެސްޓެއް ހެދެއެވެ. މިގޮތަށް ހެދޭ ޓެސްޓްތަކުން އިތުރު މީހުންނަށް ބަލި ޖެހިފައި ހުރިތޯ އަވަހަށް ދެނެގަނެ، ބަލި ހުރިނަމަ ފަރުވާ ފެށޭނެއެވެ. މިގޮތަށް ބަލިމީހުންނާއެކު އުޅޭ މީހުން ޓެސްޓް ކުރުމަކީ އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

މީގެ އިތުރުން ބަލި ހުރިތޯ ގިނަ އަދަދެއްގެ މިހުން ސްކްރީން ކުރެވޭ އެހެން ހާލަތްތައްވެސް ހުރެއެވެ. ޓީ.ބީ ބަލި އެބައެއްގެ ތެރޭގައި ފެތުރުމުގެ ނުރައްކާ ބޮޑު ފަރާތްތައް، މިސާލަކަށް ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅޭ ބިދޭސީން، އެކި ކަހަލަ މަރުކަޒު ތަކުގައި ބަންދުވެފައި ތިބޭ މީހުން، ޓީ.ބީ ހުރިތޯ އެއްފަހަރާ ސްކްރީން ކުރެވެއެވެ.

ޅަފަތުގައި ދެވޭ ބީސީޖީ ވެކްސިނަކީ މިއުމުރުގެ ކުދިންނަށްޖެހޭ ޓީބީގެ ބައެއް ނުރައްކާތެރި ވައްތަރުތައް (ޓީބީ މެނިންޖައިޓިސް ނުވަތަ ސިކުނޑީގެ ބޭރު ފަށަލަތަކަށް ޖެހޭ ޓީބީ) އިން ރައްކާތެރިކުރުމަށް ދެވޭ ވެކްސިނެކެވެ. އެކި މީހުން މި ވެކްސިންގެ ޒަރީއާ އިން ޓީބީ އިން ރައްކާތެރިވާ މުއްދަތު ތަފާތެވެ. އެހެންކަމުން ޅަފަތުގައި ބީސީޖީ ވެކްސިން ޖެހި ކަމުގައި ވިޔަސް އެއަށްވުރެ އުމުރުން ދުވަސް ވުމުން ޓީބީ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ޅަފަތުގައި ޖެހޭ ޓީބީ ގެ ނުރައްކާތެރި ވައްތަރުތަކުން ސަލާމަތްކުރުމަށް ވިހެއުމާއެކު ބީސީޖީ ވެކްސިން ދިނުން މުހިއްމެވެ.

ޓީބީ ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅުތަކަކީ ބަލި ހުރިތޯ ދެނެގަނެ، ޓެސްޓްކޮށް ގަވާއިދުން ފަރުވާ ކުރުމާއި ޅަފަތުގައި ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމެވެ.