24 Mar 2016, 09:46
(21 މާރޗްގެ އަަދަދާގުޅޭ)
3. ކައުސާހިބާصلّى اللّـه عليهوسلّمޚަންދަޤު ހަނގުރާމައިން އެނބުރިވަޑައިގެންނެވި ދުވަހު މެންދުރު ނާނެފިއްލެވީأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاގެ ގެކޮޅުންނެވެ. އެވަގުތުجبريل عليه السّلامވަޑައިގެން ވިދާޅުވިއެވެ.
"ކަލޭގެފާނު ހަތިޔާރު ބެހެއްޓެވީތޯއެވެ؟ މަލާއިކަތުން އަދިއެއް ހަތިޔާރެއް ނުބަހައްޓަވައެވެ. ތިމަންކަލޭގެފާނުވެސް ޤުރައިޝުންގެ ފަހަތުން ވަޑައިގެންފައި މިވަޑައިގަތީއެވެ. ކަލޭގެފާނުގެ އެކުވެރީން ގޮވައިގެން ޤުރައިޟަތުވަންހައިގެ މީހުނާ ހަނގުރާމަޔަށް ނިކުމެވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނު ކުރީން ވަޑައިގަންނަވާނަމެވެ. އެއުރެންގެ ކިއްލާތަކުގައި ޒަލްޒަލާ އުފައްދަވައި އެއުރެންގެ ހިތްތަކަށް ބިރުވެރިކަން ވައްދަވާނަމެވެ."
ކައުސާހިބާصلّى اللّـه عليهوسلّمއަޞްޙާބު ބޭކަލަކު ފޮނުއްވައި މަދީނާގައި ގޮވައިލެއްވިއެވެ. "މާތްاللّـهއާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުއަހައި ކިޔަމަންވާ އެކަކުވެސް ޤުރައިޟަތުވަންހައިގެ މީހުން އަވަށުގެ ބޭރުގައި މެނުވީ މިއަދުގެ ޢަޞުރު ނަމާދު ނުކުރާހުށިކަމެވެ."
4. ޤުރައިޟަތުވަންހައިގެ މީހުން މުސްލިމުންނާއެކު ވެފައިވާ ޢަހްދާ ޚިލާފުވެފައެވެ. ޚަންދަޤު ހަނގުރާމައިގައި ޚިޔާނަތުގެގޮތުން މުޝްރިކުންނަށް ވާގިވެރިވެފައެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليهوسلّمއިސްވެދެންނެވިފަދައިން އެބައިމީހުންނާ ހަނގުރާމަޔަށް ވަޑައިގެންނެވިއެވެ. އެބައިމީހުންގެ އަވަށް ޙިޞާރު ކުރެއްވިއެވެ. ޤުރައިޟަތުވަންހައިގެ މީހުންނަކީ އަންޞާރުންކުރެ ޢައުސުވަންހައިގެ ބޭކަލުންގެ ރައްކާތެރިކަމުގެ ދަށުގައި ތިބޭބަޔެކެވެ. އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަންވަދެ މުސްލިމުންނާ ހަނގުރާމަކޮށްގެން ކާމިޔާބު ނުވާނެކަން އެނގުމުން އެބައިމީހުން މަޝްވަރާކުރުމަށް ޢައުސުވަންހައިގެ ބޮޑުންކުރެأبو لبابة بن عبد المنذر رضى اللّـه عنــهއެބައިމީހުންގެ ގާތަށް ފޮނުއްވައިދެއްވުންއެދި ކައުސާހިބާގެ އަރިހުގައި ދެންނެވިއެވެ. އިތުރު ސާހިބާ އެގޮތް ޤަބޫލުކުރައްވައި އެބައިމީހުންގެ ގާތަށްأبو لبابةފޮނުއްވިއެވެ. އެކަލޭގެފާނު ވަޑައިގަތުމުން އެވަންހައިގެ އެންމެން އެކަލޭގެފާނު ވަށައިލިއެވެ. ފިރިހެނުން އެކަލޭގެފާނަށް އަދަބު އިޙްތިރާމް އަދާކުރިއެވެ. އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅިން ރޮއިހޭރެން ފެށިއެވެ.
ޤުރައިޟަތުވަންހައިގެ މީހުންނާއި އެކަލޭގެފާނާ ކުރީއްސުރެ ވަރަށްގާތް ގުޅުމެއް އޮވެއެވެ. އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނުގެ ބޭފުޅުން ތިއްބެވިއެވެ. އެކަލޭގެފާނުގެ މުދާ ހުއްޓެވެ. އެހެންކަމުން އެކަލޭގެފާނުގެ ހިތްޕުޅަށް ނުހަނު ބޮޑަށް އަސަރުކުރިއެވެ. އެއުރެން އެކަލޭގެފާނަށް ދެންނެވިއެވެ. "محمّدގެފާނު ކުރައްވާނެ ޙުކުމަކަށް ރުހިގެން އަޅުގަނޑުމެން ނިކުންނާންވީތޯއެވެ." އެކަލޭގެފާނު "އާނއެކެވެ" ވިދާޅުވި ވަގުތު ބޭއިޚްތިޔާރުގައި އެކަލޭގެފާނުގެ ޝަހާދަތްއިނގިލިފުޅު ކަރުފުޅުގައި ކާއްތައިލެއްވުނެވެ. އެކަލޭގެފާނުގެ އިޝާރަތަކީ އެ ޙުކުމަކީ ޤަތުލުކުރެއްވުމޭ ވިދާޅުވުމެވެ. އެކަލޭގެފާނަށް އެހެން ހައްދަވައިލެއްވޭއިރަށް އެހެއްދެވުނީ ގޯހެއްކަން ވިސްނިވަޑައިގެންފިއެވެ. އެހެންކަމުން ބިރުފުޅުން، އިތުރު ސާހިބާގެ އަރިހަށް ވަޑައިގަންނަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. ސީދާ މަދީނާއަށް އަރައިވަޑައިގެން އަލްމަސްޖިދުއްނަބަވީގެ ތަނބެއްގައި އަމިއްލަފުޅަށް ހިލިހިލާ ޖެހިވަޑައިގެން އޮންނަވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މާތްاللّـهއަހަރެންގެ މައްޗަށް ތައުބާލައްވައިފުމަށް ދާންދެން އަހަރެން އޮންނާނީ މިގޮތަށެވެ."
ކައުސާހިބާصلّى اللّـه عليهوسلّمއަށް އެކަން އެނގިވަޑައިގަތުމުން ޙަދީޘުކުރެއްވިއެވެ.أبو لبابةމިތަނަށް ވަޑައިގެންނެވިނަމަ، އެކަލޭގެފާނުގެ ފާފަފުއްސަވާތޯ ދުޢާކުރެއްވީމުހެވެ. ނަމަވެސް އެކަލޭގެފާނު އެކަންތައް ކުރެއްވިގޮތުން ދެން ތިމަން ކަލޭގެފާނުأبو لبابةގެ ހިލިހިލާ ނައްޓަވައިދެއްވާނީ މާތްاللّـهއެކަލޭގެފާނުގެ ތައުބާ ޤަބޫލުކުރެއްވިކަން އެންގެވުމުންނެވެ.(طبرى، إبن كثير) أبو لبابة رضى اللّـه عنــهއަމިއްލަފުޅަށް ހިލިހިލާ ޖެހިވަޑައިގެން އޮންނެވި ތަނބު ހުރީ އަލްމަސްޖިދުއްނަބަވީގެ އައްރައުޟަތުއްޝަރީފާގައެވެ. އެ ތަނބު ހުރިތާނގައި މިހާރުހުރި ތަނބުވެސް ފާހަގަކުރެވިފައިވަނީ އެކަލޭގެފާނުގެ ނަންފުޅުންނެވެ.أسطوانة أبو لبابةގެ ނަމުންނެވެ.
أبو لبابة رضى اللّـه عنــهހަރޭހަދުވާ ވަންދެން އެތަނބުގައި ހިލިހިލާ ޖެހިވަޑައިގެން އޮންނެވިކަމުގައި ބުނެވެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ކޮންމެ ނަމާދު ވަގުތަކު ވަޑައިގެން އެކަލޭގެފާނުގެ ހިލިހިލާ ނައްޓަވައިދެއްވައެވެ. ނަމާދުކުރައްވައި ނިމިވަޑައިގަތުމުންأبو لبابةހިލިހިލާ ޖައްސަވައިފައި އެކަމަނާ ގެއަށްވަޑައިގަންނަވަނީއެވެ.
أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاއަކީ ވަރަށް ހިތްޕުޅު މަޑު، އޯގާވެރި ބޭކަނބަލެކެވެ. އެކަމަނާ އިންނެވީأبو لبابة رضى اللّـه عنــهއާމެދު ފިކުރުފުޅު ބޮޑުވެފައެވެ. އެއްރެޔަކު އެކަމަނާއަށް ފެނިވަޑައިގެންނެވީ ކައުސާހިބާصلّى اللّـه عليهوسلّمވަރަށް އުފާފުޅުން ހިނިވަރުނަކުރައްވާ މަންޒަރެވެ.
السّيّدة أمّ سلمة رضى اللّـه عنــهاވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! ކަލޭގެފާނު ހިނިވަރުނަކުރައްވަނީ ކޮންކަމަކާތޯއެވެ؟ އަރަހުށި މާތްاللّـهކަލޭގެފާނު އަބަދުވެސް ހިނިވަރުނަ ކުރެއްވުންމަތީ ލަހައްޓަވާށިއެވެ."
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޖަވާބުދެއްވިއެވެ. "އޭأمّ سلمةއެވެ!أبو لبابةގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ. އެކަމާ ތިމަންކަލޭގެފާނު އުފާފުޅުވަނީއެވެ."
أمّ المؤمنين السّيّدة أمّ سلمة بنت أبى أميّةވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! ކަލޭގެފާނު އަމުރު ދެއްވައިފިނަމަ، ތިޔަ އުފާވެރިކަމުގެ ޚަބަރުأبو لبابةއަށް ދަންނަވަންތޯއެވެ؟"
އިތުރު ސާހިބާصلّى اللّـه عليهوسلّمޙަދީޘު ކުރެއްވިއެވެ. "އޭأمّ سلمةއެވެ. ކަމަނާ ހިތްޕުޅާ ހަމަކުރައްވާގޮތަކަށް ޢަމަލުކުރައްވާށެވެ!"
އިތުރު ސާހިބާصلّى اللّـه عليهوسلّمގެ ހުއްދަވިދާޅު ބަސްފުޅު ލިބިވަޑައިގަތުމުން،السّيّدة أمّ سلمةއެކަމަނާގެ ކޮޓަރިކޮޅުގެ ދޮރުކޮޅުމައްޗަށް ނިކުމެވަޑައިގެންނެވިއެވެ. އޭރު ފަރުދާގެ އާޔަތް ބާވައެއް ނުލައްވައެވެ. އެކަމަނާأبو لبابة رضى اللّـه عنــهއަށް ގޮވައިލައްވައިފައި ވިދާޅުވިއެވެ.
"އޭأبو لبابةއެވެ! މަރްޙަބާއެވެ. ރަޙްމާނުވަންތަ، ރަޙީމުވަންތަ މާތްاللّـهކަލޭގެފާނުގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ."
السّيّدة أمّ سلمةވިދާޅުވެފައިވެއެވެ.
"އަހަރެން އެހެން ބުނިއަޑު އިވޭއިރަށްأبو لبابةގެ ހިލިހިލާ ނައްޓުވަން މީސްތަކުން އެކަލޭގެފާނާ ދިމާޔަށް ދުއްވައިގަތެވެ. ނަމަވެސްأبو لبابةއެބައިމީހުން ހުއްޓުވައިފައި ވިދާޅުވެއެވެ. މާތްاللّـهއަށްޓަކައި އެކަކުވެސް އަހަރެންގެ ހިލިހިލާ ނުނައްޓާށެވެ. ޢާލަމްތަކުގެ ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ވަޑައިގެން ޚުދު އެކަލޭގެފާނުގެ އަތްޕުޅުން އަހަރެންގެ ހިލިހިލާ ނައްޓަވައިދެއްވައިފުމަށް ދާނދެނެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ އެރޭގެ ފަތިސްނަމާދަށް މިސްކިތަށް ވަޑައިގެންފައި އެކަލޭގެފާނުގެ އަތްޕުޅުންأبو لبابةގެ ހިލިހިލާ ނައްޓަވައި، އެކަލޭގެފާނު މިނިވަންކޮށްދެއްވިއެވެ.(زرقانى، إبن سعد)
5. ޙުދައިބިއްޔާގެ ޞުލްޙައިގެ ދުވަހުأمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاސާބިތުކޮށްދެއްވި ވިސްނުންފުޅު ތޫނުކަމާއި އެކަމަނާ އިންސާނީ ޠަބީޢަތާއި މީހުންގެ ފިޠުރަތު ދެނެވަޑައިގަންނަވާލެއް ބޮޑުކަމުގެ ވާހަކަ، މި މަޒުމޫނުގެ ފެށުމުގައި އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އެކަމަނާގެ ތޫނުވިސްނުންފުޅާއި ސަލާމަތް ބުއްދިފުޅުން އެނުސިޔާނު މައްސަލަ ޙައްލުކުރެއްވިއެވެ. މާތް ޞަޙާބީންގެ ޖަޒުބާތީ ޙާލަތު ފުރިހަމަޔަށް ހަމަމަގަށް އަޅުއްވައި ނުހަނު އޮމާންކޮށް އެމައްސަލަ ޙައްލުކުރެއްވިއެވެ.
ކައުސާހިބާصلّى اللّـه عليهوسلّمޙުދައިބިއްޔާއިން އެނބުރިވަޑައިގެން ދުވަސްތަކެއް ނަންގަވައެއް ނުލައްވައެވެ. ވެވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތުގައި ޚައިބަރަށް ޙަމަލަދެއްވިއެވެ. ޚައިބަރަކީ ޢަރަބިކަރައިގެ ޔަހޫދީންގެ މައިމަރުކަޒެވެ. އެއުރެންގެ އާރާއިބާރުގެ މުޅި ނާރެހެވެ. ފެށުނީއްސުރެ ޔަހޫދީން އައީ މައްކާގެ މުޝްރިކުންނާ ބައިވެރިވެ މުސްލިމުންނާ ދެކޮޅަށް ނިރުބަވެރިކަމުގެ ރޭވުންތައް ރާވަމުންނެވެ. ސިއްރާއި ފާޅުގައި ޢަދާވަތްތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ޙުދައިބިއްޔާގެ ޞުލްޙަނާމާގެ ސަބަބުން ޔަހޫދީންނާ އެހީވާކަށެއް މައްކާގެ މުޝްރިކުންނަކަށް ފުރުޞަތެއްނެތެވެ. އެހެންކަމުން އެދުވަސްވަރަކީ ޚައިބަރުގެ ޔަހޫދީން ބާރުކަނޑުއްވައިލައްވަން އެންމެ އެކަށޭނަ ދަނޑިވަޅެވެ. ކައުސާހިބާصلّى اللّـه عليهوسلّمއެފުރުޞަތުގެ ބޭނުންކުރެއްވިއެވެ. ޙުދައިބިއްޔާގެ ޞުލްޙައިގައި ޤުރައިޝުންގެ ހުރިހާ ޝަރުޠުތަކެއް ޤަބޫލުކުރައްވައި ޤުރައިޝުންނާއެކު މުޢާހަދާއެއް ކުރެއްވުމުގެ އެއްބޭނުންފުޅަކީވެސް މައްކާގެ މުޝްރިކުންނާއި ޔަހޫދީންގެ އިއްތިޙާދު ރޫޅައިލައްވައި އެދެބާރުންކުރެ އެއްބާރުގެ އުނދަގޫ ކަނޑުއްވައިލެއްވުމުގެ ފުރުޞަތު ހޯއްދެވުމެވެ. އެދުވަސްވަރު މަދީނާއާއި، މައްކާއާއި، ޚައިބަރަކީ ދާދިހަމަހަމަ ތިންބާރެވެ. އެހެންކަމުން މަދީނާއިން ޚައިބަރާ ޙަމަލަދީފިނަމަ މައްކާއިން މަދީނާގެ ލަޝްކަރުގެ ފުރަގަހުން ޙަމަލަދިނުމުގެ ނުރައްކާ އޮތެވެ. އެހެންކަމުން ކައުސާހިބާصلّى اللّـه عليهوسلّمނުހަނު ޙިކްމަތްތެރިކަމާއެކު އެނުރައްކަލުން މުސްލިމުންނާއި އިސްލާމީ ދައުލަތް ޙިމާޔަކުރެއްވީއެވެ.
أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاޚައިބަރު ހަނގުރާމައިގައި ކައުސާހިބާصلّى اللّـه عليهوسلّمގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.أمّ سلمةގެ އަރިހުގައި ޞަޙާބިއްޔާތުންގެ ވިހިބޭކަނބަލަކުވެސް އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭކަނބަލުންގެ ޚިދުމަތަކީ، ޒަޚަމުވެވަޑައިގަންނަވާ ބޭކަލުންނަށް ހޭހަންކުރެއްވުމާއި މުޖާހިދުންނަށް ބޯފެން އުފުއްލަވައިދެއްވުމެވެ.
ޚައިބަރު ހަނގުރާމައަކީ ކައުސާހިބާصلّى اللّـه عليهوسلّمގެ ޙަޔާތްޕުޅުގައި ހިނގި އެންމެ ވަރުގަދަ އެއް ހަނގުރާމައެވެ. ދެފަރާތުންވެސް ވަރަށް ވަރުގަދަޔަށް ހަނގުރާމަކުރިއެވެ. ހަނގުރާމައިގެ މައިދާން އޮތީ މުސްލިމުންގެ ބާރުގެދަށުގައެވެ. ކައުސާހިބާصلّى اللّـه عليهوسلّمޚައިބަރުގެ ކިއްލާތަކުގެ ދޮރުތައް ހަލާކުކޮށްލެއްވުމަށްޓަކައި ބޭނުންކުރެއްވި ޙިކުމަތު ޢަމަލީއަކީ ކައުސާހިބާصلّى اللّـه عليهوسلّمގެ ޢަސްކަރީ ހުނަރުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އުމްރަތުލްޤަޟާއާއި، މައްކާ ފަތަޙަކުރެއްވުމާއި ޙުނައިނު ހަނގުރާމައާއި ޠާއިފުގެ ހަނގުރާމައިގައިވެސްأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاއިތުރު ސާހިބާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.أمّ المؤمنين السّيّدة زينب بنت جحشވެސް އެ ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمމީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދުކުރައްވާއިރު ހުންނަވަނީ މުއުމިންތަކުންގެ އެދެމައިކަނބަލުންގެ ދެފޭލިގެކޮޅުގެ ދެމެދުގައެވެ.
6. ހިޖްރައިން ދިހަވަނައަހަރުގެ ޙައްޖުމޫސުން އައިއިރުأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاއުޅުއްވީ އާލާސްކަންފުޅާއެވެ. ނަމަވެސް އެކަމަނާحجّة الوداعގައި ކައުސާހިބާصلّى اللّـه عليهوسلّمގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.(مسند أحمد)حجّة الوداعގެ ތެރޭގައި ކައުސާހިބާصلّى اللّـه عليهوسلّم،أمّ المؤمنين السّيّدة أمّ سلمةއަށް އިރްޝާދު ދެއްވިއެވެ. ފަތިސްނަމާދަށް ތެދުވެވަޑައިގެންފައި ޖަމަލުމަތީގައި ޠަވާފުކޮށްލައްވާށެވެ. އެކަމަނާ އެގޮތަށް ޢަމަލުކުރެއްވިއެވެ.(بخارى)
(ނުނިމޭ)