މާރާމާރީތައް ހުއްޓުވުމަށް ދައުލަތުގެ ތިން ބާރާއި ކަމާ ގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ކޮންމެ ހުކުރު ދުވަހަކު ވެސް ރައީސް ދެއްވާ ހަފްތާގެ ރޭޑިއޯ ޚިތޯބުގައި ކްރައިމް ޕްރިވެންޝަން ކޮމިޓީން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ތިން ބާރު ގުޅިގެން މި ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެން، މި ކަމުގައި އެއްބާރުލުން ދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ތޫނު ހަތިޔާރާއި، އެހެނިހެން ތަކެތި ބޭނުންކޮށްގެން، މާލެ އާއި އަތޮޅުތަކުގައި ހިންގަމުން ގެންދާ ނުރައްކާތެރި މާރާމާރީ އާއި، ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުމަކަށް ގެނައުމުގައި، ދައުލަތުގެ ތިން ބާރާއި، ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްތައް ގެންދިޔުމަށް އުފައްދާފައިވާ ކްރައިމް ޕްރިވެންޝަން ކޮމިޓީން ކުރަމުން ގެންދާ މަސައްކަތް ތަކާ ބެހޭ ޕްރޮގްރާމެއް ރޭ، ވަނީ ޓީވީން ދައްކާފަ އެވެ.

ރައީސްގެ ރޭޑިޔޯ ޚިޠާބުގައި އަންނަ އާދިއްތަ ދުވަހަކީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ކަމަށްވުމާ އެކު، މިއަހަރުން ފެށިގެން ރާއްޖޭގައި ވެސް އެ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ މަސައްކަތްތެރީންގެ ޙައްޤުތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރެވި، ކަނޑައެޅިފައި އޮންނަ ރަނގަޅު އުޞޫލުތަކެއްގެ ތެރެއިން އެ ދެ ފަރާތަށް ވެސް މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމުގެ މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕެއް، ހިއުމަން ރިސޯސަސް މިނިސްޓްރީން އެ ދުވަހު ދަރުބާރުގޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ވަކްޝޮޕްގެ ބޭނުންތެރިކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.

"އެ ވަރކްޝޮޕްގައި މަސައްކަތްތެރިންނާ ގުޅުންހުރި ތަފާތު ޤާނޫނުތަކާއި، ބިލްތަކާއި، ވަޒީފާގެ ބާޒާރާ ބެހޭ މަޢްލޫމާތާއި ރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމާފައިވާ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ މުޢާހަދާތަކާ ބެހޭ މަޢުލޫމާތާއި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި ލޭބަރ ޓްރައިބިއުނަލާ ބެހޭ މަޢްލޫމާތު ދެވޭނެ. އަދި މަސައްކަތްތެރިކަމާ ގުޅޭ ގޮތުން ސްކޫލް ކުދިންނަށް ހުޅުވާލި ޕޯސްޓަރ ކުރެހުމުގެ އެގްޒިބިޝަނެއް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ވަނީ މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަނަށް އެއް އަހަރު ފުރުމާ ގުޅިގެން، ކުންފުނީގެ ޗެއާމަނަށާއި މެނެޖިން ޑިރެކްޓަރަށާއި ބޯޑުގެ އެހެން މެންބަރުންނަށާއި ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެ، ކުންފުނި އުފެއްދެވި މަޤްޞަދުތައް ޙާޞިލު ކުރެއްވުމުގެ މަސައްކަތް ރަނގަޅު މަގަށް އެޅެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"އެ ކުންފުނީގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދްމަތްދޭ ތަންތަން ކުރިއެރުވުމަށް ތަފާތު އެކި ފިޔަވަޅުތައް ކުންފުނިންވަނީ އަޅާފައި. އަދި ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި، ކޯޕަރޭޝަންގެ ޚިދްމަތްތައް ވަރަށް ބޮޑަށް ހަރުދަނާ ކުރެއްވުމުގެ މަސައްކަތްތައް، އެ ކުންފުނިން މިހާރު ކުރައްވަމުން ގެންދަވާކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.