ވޮޝިންޓަން (މާޗް 24): އިސްލާމިކް ސްޓޭޓް (އައިއެސް) ނައްތާލުމަކީ "އެންމެ އިސްކަންދޭ ކަންތައް" ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އާޖެންޓީނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވަނީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް އައިއެސްއާ ދެކޮޅަށް އެއްބައިވުމަށް ގޮވާލައްވާފަ އެވެ. އޮބާމާ އެހެން ވިދާޅުވީ އަންގާރަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ އެއާޕޯޓަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އައިއެސް އިން ނަގާފައި ވަނިކޮށެވެ. އަދި އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޖޯން ކެރީ ބްރަސެލްސްއަށް ޒިޔާރަތް ކުރައްވަން ހަމަޖައްސަވާފައި ވަނިކޮށެވެ.

"އަޅުގަނޑު ވަރަށް ބައިވަރު ކަންތައްތައް އެބަ ކުރަން. ނަމަވެސް އަޅުގަނޑު އެންމެ އިސްކަން ދެނީ އައިއެސް ނާކާމިޔާބު ކުރުމަށާއި ދުނިޔޭގައި ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތައް ނައްތާލުމަށް. އަޅުގަނޑުގެ އެޖެންޑާގައި އެއަށް ވުރެ މުހިއްމު ކަމެއް ނެތް،" އޮބާމާ ވިދާޅުވި އެވެ.

މީގެ އިތުރުން، އޮބާމާ ވަނީ މުސްލިމުން ދިރިއުޅޭ ސަރަހައްދުތައް ވަކިން އިސްކަމެއް ދީގެން ބެލުމަށް ޓެޑް ކްރޫޒް ވިދާޅުވުމުން، އެކަން ކުށްވެރި ކުރައްވާފަ އެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަަމަށް ވާދަކުރައްވަމުން ގެންދަވާ ޓެޑް ކްރޫޒް އެފަދައިން ވިދާޅުވީ 31 މީހަކު މަަރާލި ބްރަސެލްސްގެ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެންނެވެ. ކްރޫޒްގެ ގޮވާލެއްވުމަށް ރައްދު ދެއްވަމުން އޮބާމާ ވިދާޅުވީ އެއީ އެމެރިކާގެ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ކަމަށެވެ. (ގާޑިއަން)