މަނީލޯންޑްރިންގެ މައްސަލަތައް ބެލުމަށްޓަކައި ބޭނުންވާ ބައެއް ޑޭޓާބޭސްތަކުގެ އެކްސަސް ލިބިފައިވާ ކަމަށް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެފްއައިޔޫ) އިން ބުނެފިއެވެ.

މަރުކަޒީ ބެންކުން ހިންގާ އެފްއައިޔޫގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެފަދަ މައްސަލަތައް ބެލުމަށްޓަކައި ބޭނުންވާ ޑޭޓާބޭސްތައް ހޯދުމަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކުރެވުނު މަސައްކަތުން ބައެއް ޑޭޓާބޭސްތައް ލިބިފައިވާ ކަމަށެވެ.

އެޑޭޓާބޭސްތަކުގެ ތެރޭގައި ބޭރުގެ ސިޔާސީ މީހުންނާއި ނުރައްކާތެރި މީހުންގެ މައުލޫމާތުތައް ހިމެނޭ ޑޭޓާބޭސްތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަށްފަހު އެފްއައިޔޫ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތެއް ކުރަމުންގެންދާ ކަމަށާއި އެގޮތުން އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު ލިބޭ މައުލޫމާތުތައް ތަހުލީލު ކުރުން ކުރިއަށްވުރެ ހަރުދަނާ ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ކުރިއަށްވުރެ ބޮޑަށް މިހާރު އެނަލިސިސް އެބަހަދަން، އެނަލިސިސް ރަނގަޅު ކުރަންވެގެން. އަޅުގަނޑުމެން ހަދާ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރަންވެގެން،" އޮފިޝަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެނަލިސްސް ފަންކްޝަން ރަނގަޅުވާނެ ކުރިއަށްވުރެ. އެއީ ބައިވަރު ސޯސްތަކަށް އަޅުގަނޑުމެން ރިފަރ ކުރާތީ."

އެމްއެމްއޭއިން ރެގިއުލޭޓް ކުރާ ތަންތަނަށް ތަމްރީން ދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އެ ތަމްރީންތަކުގައި މަނީ ލޯންޑްރިންއަކީ ކޮބައި ކަމާއި އެކަން މޮނީޓާ ކުރެވޭނެ ގޮތްތަކެއް ކިޔައިދެމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގައި ހިނގި ފަދަ ހިޔާނާތުގެ މައްސަލަތަކަށް ކިހާވަރަކަށް ފާރަވެރިވޭތޯ ސުވާލު ކުުރުމުން އޮފިޝަލް ވިދާޅުވީ، އެފަދަ ކަންކަން ބޮޑަށް ފާހަގަ ކުރެވޭނީ ބޭންކްތަކަށް ކަމަށާއި އެކަންކަމަށް ބެންކުތައް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.