މޫސުމަށް ބޮޑެތި އަސަރުތަކެއް ކުރުވާ އެލް ނީނިޔޯގެ ބާރު ގަދަވެ، ސަރަހައްދުގެ ގައުމުތައް މި ވަނީ އާދަޔާއި ޚިލާފަށް ހޫނު ގަދަވެފަ އެވެ. ދިވެހި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާގެ ރިކޯޑުތައް ދައްކާ ގޮތުން، މިހިނގާ މާރިޗު މަހު ރާއްޖޭގައި ހޫނުމިން 33.9 ޑިގްރީ ސެލްސިއަސަށް އަރައިގެން ދާނެ އެވެ.

އަދި ކުރިޔަށް އޮތް އޭޕްރިލް މަހުގެ ތެރޭގައި ހޫނުމިން 34 ޑިގްރީ ސެލްސިއަސަށް އަރާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އެހެންކަމުން، ކުރަން ޖެހޭ އަދި ކުރެވޭނެ ހަމައެކަނި ކަމަކީ، މި ހޫނުކަމާއި ކުރިމަތިލުމެވެ. އަދި މިކަމާ ކުރިމަތިލުމަށް ތައްޔާރީތަކެއް ވުމެވެ.

މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން

ދިމާވެގެން މި އުޅެނީ މޫސުމީ ބަދަލަކާ އެވެ. މާ ބޮޑަށް ހޫނު ގަދައީ އެވެ. އަދި ހޫނު އިތުރަށް ގަދަވެގެން ދާނެ ކަމަށް ލަފާ ކުރެވެ އެވެ. އެހެންކަމުން، ކޮންމެ ދުވަހެއްގައި ވެސް ފިނި ހޫނުމިން މައްޗަށް އަރައިގެން ދާނެ މިންވަރު، ނުވަތަ ހޫނުމިން ހުންނާނެ މިންވަރު ދެނެގަތުން މުހިންމެވެ. މޫސުމާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ހޯދުން ވަރަށް މުހިންމެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިންނާއި އެ އިދާރާގެ ވެބްސައިޓުން މޫސުން ލަފާ ކުރެވޭ ގޮތުުގެ މައުލޫމާތުތައް ލިބެން ހުންނާނެ އެވެ.

ފޮއިލް ބޭނުންކޮށްގެން ރިފްލެކްޓާސް ހެދުން

ގޭތެރެގެ ހޫނުމިން ކުޑަކޮށް ވެސް ދަށް ކޮށްލުމަށް މިއީ ކުރެވިދާނެ ކަމެކެވެ. އެލުމިނިއަމް ފޮއިލް، ނުވަތަ ފޮއިލް ފަދައިން އިރުގެ ދޯދިތައް ރިފްލެކްޓް ކުރާނެ އެއްޗެއް ހޯދާށެވެ. ކާޑްބޯޑު ގަނޑެއްގައި އެލުމިނިއަން ފޮއިލް އޮޅާށެވެ. އަދި ކުޑަދޮރު ފަދަ ތަކެތީގެ ބޭރުގައި ބަހައްޓާށެވެ. އޭރުން، އިރުގެ ދޯދިތަކާ އެކު އަންނަ ހޫނުކަން ގޭތެރެއަށް ވަނުމުގެ ބަދަލަށް، ފޮއިލްގަނޑުގައި ޖެހި، އެހެން ދިމާލަކަށް ރިފެލެކްޓް ވެގެން ދާނެ އެވެ.

ކުޑަދޮރުގެ ފަރުދާ ދަމާފައި ބެހެއްޓުން

ކޮންމެވެސް ގޮތަކުން، ހެނދުނާއި މެންދުރުގެ ހޫނު ގޭތެރެއަށް ނުފޯރާނެ ގޮތެއް ހަދަން ޖެހެ އެވެ. ކުޑަދޮރުގެ ބޭރުގައި ރިފްލެކްޓާ ބަހައްޓައިގެން ނަމަވެސް، ގޭތެރެއިން ކުޑަދޮރުގައި ފަރުދާ ނުވަތަ ކާރޓަން ދަމާފައި ބެހެއްޓިދާނެ އެވެ. ގޭތެރެއަށް އިރުގެ ދޯދިތައް ނުވަންނާނެ ގޮތަކަށް ފަރުދާ ދަމާލައިފި ނަމަ، އެކަމުގެ ތަފާތު އިހްސާސް ކުރެވޭނެ އެވެ.

ސިއްހީ މައްސަލައަކާ ކުރިމަތި ނުލުމަށް ޓަކައި ގިނައިން ފެން ބުއިން

ހޫނު ގަދަ ވުމުން ގިނަ އަދަދަކަށް ދާ ހިއްލަ އެވެ. ދާ ހިއްލުމުން ބޭރުވަނީ ހަށިގަނޑުގައި ރައްކާ ކޮށްފައި ހުންނަ ފެނެވެ. ހަށިގަނޑުން ފެން ބޭރުވާ ވަރަކަށް ފެން އެތެރެ ކުރަން ވެސް ޖެހެ އެވެ. ނުކުރެވޭ ނަމަ އެއީ މައްސަލައެކެވެ. ޑީހައިޑްރޭޝަނޭ، ނުވަތަ ހަށިގަނޑުން ފެން މަދުވުމޭ ކިޔާ ހާލަތް ދިމާވާނެ އެވެ.

އެހެންކަމުން، ގިނައިން ފެން ބުއިމަކީ އެދެވިގެންވާ ކަމެކެވެ. ފެން ނުބޮވިޔަސް، މަދު މަދުން ފެން ބޯށެވެ. އަދި ކޮފީއާއި ސައި ފަދަ، ކެފެއިން ހުންނަ ބުއިންތައް މި ދުވަސްކޮޅަށް މަދު ކޮށްލުން އެދެވިގެން ވެ އެވެ.

ކެއުން ބައްޓަން ކުރާނެ ގޮތެއް

މާހައުލުގެ ފިނި ހޫނުމިނަށް، ކެއުމުގެ ވައްޓަފާޅި ވެސް ބަދަލު ކުރަން ޖެހިދާނެ އެވެ. ހަށިގަނޑުގެ ފިނިހޫނުމިން ދެމެހެއްޓުމަށް ކެއުމަކީ މުހިންމު ކަމެކެވެ. މާ ގިނައިން އެއްފަހަރާ ކެއުމުގެ ބަދަލުގައި، ހޫނުގަދަ ދުވަސްވަރެއްގައި ގިނަ ގިނައިން ކުޑަ މިންވަރެއް ކެއުމަކީ ކުރެވިދާނެ ކަމެކެވެ. މަހާއި، ބަދަން ފަދަ، ގިނަ އަދަދަކަށް ޕްރޮޓީން ހުންނަ ކާނާ ކެއުމަކީ، ހަށިގަނޑު ހޫނުގަދަ ވެގެން ދާނެ ކަމެކެވެ. އޭގެ ބަދަލުގައި ތާޒާ މެވާއާއި ތަރުކާރީއަކީ ކެއުމަށް ބޭނުންކުރުން އެންމެ ރަނގަޅު ބާވަތްތަކެވެ. އެތަކެތީގައި ގުދުރަތީ ގޮތުން ފެން ހުރެ އެވެ. އަދި ހަށިގަނޑުގެ ފިނިހޫނުމިން ދަށް ކޮށްދެ އެވެ.

މާ ގިނައިން ބޭރުގައި ނޫޅުން

ހޫނު ގަދަ ކަމުން ސަލާމަތް ވުމަށް އެންމެ ރަނގަޅު ގޮތަކީ ހޫނުގެ ތެރެއަށް، ބޭރުގެ ތެރެއަށް ނުނުކުތުމެވެ. ގޭތެރޭގައި މަޑުކޮށް، މާ ގިނައިން ބޭރު ތެރޭގައި ނޫޅުން އެދެވިގެން ވެ އެވެ. ބުރި ބުރިއަށް ނަގާފައި ހުންނަ އިމާރާތެއްގައި ދިރިއުޅޭ ނަމަ، އިރުގެ ދޯދިތައް ފޯރާފައި ނުވާ، އެންމެ ތިރީ ފަންގިފިލާއެއްގައި މަޑު ކޮށްލާށެވެ. ގިނަ ގިނައިން ފެން ވަރައި، ހަށިގަނޑު ފިނި ކޮށްލާށޭވެ. އަދި ފަންކަލާއި އެއާ ކޮންޑިޝަނާ ފަދަ ތަކެތީގެ ބޭނުން ހިފާށެވެ. ގޭގައި އޭސީއެއް ނުހުންނަ ނަމަ، ހޫނު ގަދަވާ ވަގުތުތައް، އޭސީ ހުންނަ އާންމު ތަނެއްގައި ހޭދަ ކޮށްލާށެވެ. އެވަގުތަށް ފިލްމެއް ބަލައިލުމަށް ސިނަމާ އަށް، ނުވަތަ ކުތުބުޚާނާއަކަށް ގޮސް ފޮތެއް ކިޔައިލުމުގައި އުޅެވިދާނެ އެވެ. އެހެން ނަމަވެސް ހޫނު ގަދަވާ ވަގުތަކީ މެންދުރު ކަމުގައިވާ އިރު، އެވަގުތަކީ ގިނަ ބޭފުޅުން އޮފީސްތަކުގައި މަސައްކަތައިގެން މަޝްއޫލުވެ އުޅޭ ވަގުތެވެ.

ހެދުން އަޅާނެ ގޮތެއް

ހޫނު ގަދަ ދުވަސްތަކުގައި މާ ބޯ ފޭރާން އެޅުމަކީ އެދެވޭ ކަމެއް ނޫނެވެ. ގަޔަށް ބާރު އެއްޗެހި ލުމަކީ ވެސް އެދެވޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ދޫ، އަދި ލުއި އަންނައުނު ލާށެވެ. ގަދަ ކުލަތަކަކީ، ހޫނުކަން އެބްސޯބް ކުރާ، ނުވަތަ އެ ކުލައަކާ ދިމާލަށް "ދަމައިގަންނަ" ކުލަތަކެވެ. އެހެންކަމުން މަޑު ކުލަތަކުގެ އަންނައުނު ލާށެވެ. ޕޮލިއެސްޓާ އަދި ފްލެނަކް ފަދަ ފޮތީގެ އަންނައުނުގެ ބަދަލުގައި ލިނެން ނުވަތަ ހެމްޕް އަދި ކޮޓަން ފޮތީގެ ތަކެއްޗަށް މިދުވަސްވަރު އިސްކަން ދޭށެވެ.

ހަށިގަނޑުގެ ސަލާމަތް

ބޭރަށް ނުކުތުމުގެ ކުރިން ސަންސްކްރީން ލޯޝަން ފަދަ އެއްޗެއް، ހަށިގަނޑުން ކަޝްފުވެފައިވާ ހަންގަނޑުގައި އުނގުޅާށެވެ.

ބޮލަށާއި އިސްތަށިގަނޑަށް މާ ހޫނު ވުމަށް ފުރުސަތު ނުދީ، ތޮތްޕެއް އަޅާށެވެ. އަދި ލޯ ސަލާމަތް ކުރުމަށް އަވި އައިނު އެޅުމަށް ހަނދާން ކުރާށެވެ.