ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އިން ބޭރަށްދާތީ، އެތެރޭގައި ދައުރުވާން ޖެހޭ ގިނަ އަދަދެއްގެ ޑޮލަރު ރާއްޖެ އިން ބޭރަށް ދާތީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީ އަށް ހާޒިރުވެވަޑައިގެން، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގަވަރުނަރު ރޭ ވިދާޅުވީ ދިވެހިން ރާއްޖެ އިން ބޭރަށް ދާއިރު މަދު އަދަދެއްގެ ޑޮލަރު ހަރަދު ކުރުމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ޗުއްޓީތަކަށް ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ވެސް އަޒީމާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ާރާއްޖެ އިން ބޭރަށް އެހާ ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ދަނީ ކީއްވެގެންތޯ ސަރުކާރުން ބަލަން ޖެހޭ ކަމަށާއި އަދި އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ވިސްނަން ޖެހޭ ކަމަށް އަޒީމާ ވަނީ ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރު 28، 2015: ހުޅުލޭ އެއާޕޯޓު -- ސަންފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑުމެން 500 ޑޮލަރު ވިއްކާ އިރު ބަންދެއް އައިސިއްޔާ މިދަނީ ހަމަ ވަރަށް ގިނަ އަދަދެއްގެ މީހުން ރާއްޖޭން ބޭރަށް، އެ ހުރިހާ ފަރާތްތަކެއް އެކީއްވެގެންތޯ، އަޅުގަނޑުމެން ހަމަ ސަރުކާރުގެ ފަރާތުން ވެސް އެބަޖެހޭ އެއީ ކިހިނެއްތޯ އަޅުގަނޑުމެން އެއަށް އެހެން ގޮތެއް ހޯދާނީ ބަލަން،" އަޒީމާ ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރަށް ދިވެހިންދާ ސަބަބެއް ކަމަށް ހީފުޅުވާ އެއްކަމަކީ "ދިވެހި ފައިސާ ގިނައިން ހުންނާތީ ޑޮލަރަށް ބަދަލުކޮށްގެން ދާން" ބޭނުން ވަނީ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ ޗުއްޓީ އަށް ރާއްޖޭން ބޭރުގެ ގައުމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފާޑު ކިޔަނީ ނޫން ކަމަށާއި ނަމަވެސް ފައިސާ ރައްކާތެރިކަމާ އެކު ފޮރުވާފައި ބަހައްޓާނެ ގޮތްތަކެއް ހޯދުން މުހިންމު ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ކޮންމެ ޗުއްޓީއެއްގައި ރާއްޖޭން ބޭރަށް ދިޔުމަށް ވުރެ ރާއްޖޭގައި ހޮލިޑޭ ހެދޭނެ ނިޒާމުތަކެއް ވެސް އެބަ ފަހިކުރެވެން ޖެހޭހެން. އަދި އޭގެ އިތުރުން އިންވެސްޓް ކުރާނެ ގޮތްތަކެއް އެބަ ހޯދަން ޖެހޭ،"އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް

އާންމުކޮށް ސުކޫލު ބަންދުތަކާއި އީދު ޗުއްޓީ އަދި ބޮޑު ޗުއްޓީއާ ދިމާކޮށް ބޭރުގެ ގައުމުތަކަށް ގިނަ އަދަދެއްގެ ދިވެހިން ދަނީ ދަތުރުކުރަމުންނެވެ. މިދިއަ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ވެސް ޝެޑިއުލްކުރި ހުރިހާ ފުލައިޓެއް ބުކްކޮށް އެއްކޮށް ފުލްވެފައިވާ ކަމަށް އެޖެންޓުން ވަނީ ބުނެފަ އެވެ. ޗުއްޓީއާ ދިމާކޮށް ހާއްސަ އަގުތަކުގައި ޓިކެޓު ވިއްކާފައިވާ އިރު އެކަމުގެ ސަބަބުން ވެސް ރާއްޖެ އިން ބޭރަށްދާ ދިވެހިންގެ އަދަދު ދަނީ އެތައް ގުނައެއް އިތުރުވެގެންނެވެ.

ހުސްވި އަހަރު ޑިސެމްބަރު މަހު އެކަނި 16 މިލިއަން ޑޮލަރު (246.7 މިލިއަން ރުފިޔާ) އެކި ފަރާތްތަކަށް ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް) އިން ވަނީ ބުނެފަ އެވެ. ބޭންކުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މަހު 20،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ވިއްކާފައިވެ އެވެ.