ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ހުންނަންވާނެ އުސޫލުތަކާއި ހަމަތަކާއި ގަވާއިދުތައް އެމްޑީޕީން ދައްކުވައިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ބެހޭ ގޮތުން ހަފްތާގެ ރޭޑިއޯ ޚިތޯބުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވަރުގަދަ އެކިއެކި ބޭފުޅުން ވާދަވެރި ކެމްޕޭންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ހުންނަންވާނެ އުސޫލުތަކާއި ހަމަތަކާއި ގަވާއިދުތަކުގެ އިތުރުން، އެފަދަ ކަންކަމުގެ ފޯރި އާއި ޖޯޝް، އެބޭފުޅުން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފައިވާ ކަމަށެވެ.

"އެމްޑީޕީ މި އިންތިޚާބަކީ ވާދަވެރި ސިޔާސީ ޕާޓީތަކުން އެކި ރިވެތި މިސާލާއި ފިލާވަޅުތައް ދެނެވަޑައިގަންނަވާނެ ޙަރަކާތަކަށް ވެގެންދާތީ، އަޅުގަނޑު ވަރަށް އުފާވޭ. މި މަސައްކަތް ޕާޓީގެ ޗެއަރޕާސަނާއި، ޕާޓީގެ ޤައުމީ މަޖިލިސްގެ އެންމެ މެންބަރުން ގެންދަވާ ފުރިހަމަކަމަށްޓަކައި، އަޅުގަނޑު އެ އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އަދި މާދަމާގެ އިންތިޚާބުގައި އެމަނިކުފާނު ވެސް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އެހެން މެމްބަރުން ވެސް ވޯޓު ލެއްވުމަށް އެދިލެއްވި އެވެ.

މިއަދަކީ، އިނގިރޭސި ވަލީ ޢަހުދު ޕްރިންސް ޗާރލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމާއި، ކެތަރީން މިޑްލްޓަންގެ ކައިވެނީގެ ކުލަގަދަ ރަސްމިއްޔާތު ބޭއްވޭ ދުވަސް ކަމަށް ވުމާއެކު، މިކަން ފާހަގަކުރައްވައި، މި އުފާވެރި މުނާސަބަތުގައި، އެދެކަނބަލުންނަށް، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ވަރަށް ވެސް މަތިވެރި ތަހުނިޔާއެއް ވިދާޅުވެ، މުބާރަކްބާދީ އަދާކުރެއްވި އެވެ. ކެތަރީން މިޑްލްޓަނަށާއި ޕްރިންސް ވިލިއަމަށް އުފާވެރި ބާއްޖަވެރި މުސްތަޤްބަލަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ. އަދި އިނގިރޭސި ރާނީ އިލިޒަބަތު ދެވަނައަށާއި، އެކަމަނާގެ ފިރިކަލުން ޑިޔުކް އޮފް އެޑިންބަރާއަށާއި، ޝާހީ ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ވެސް، އެ މުނާސަބަތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އަރިސް ކުރެއްވި އެވެ.