24 Mar 2016, 09:43
ގައުމުން ބޭރުން މަތީ ތައުލީމު ހާސިލުކޮށްގެން މިދިޔަ އަހަރު އެކަނިވެސް 400،000 އަށްވުރެއް ގިނަ ދަރިވަރުން އެނބުރި ޗައިނާއަށް ހިދުމަތް ކުރަން އައިސްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ސެކިއުރިޓީގެ ނައިބު ރައީސް ޓޭންގް ޓާއޯ ވިދާޅުވީ، މިދިޔަ އަހަރު އަނބުރާ ގައުމަށް އައި ދަރިވަރުންގެ އަދަދާއެކު މިހާތަނަށް ގައުމުން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށްފަހު އެނބުރި ގައުމަށް އައި ދަރިވަރުންގެ އަދަދު 2.21 މިލިއަނަށްވުރެއް އިތުރުވެފައިވާ ކަމަށެވެ.
ޓޭންގް ވިދާޅުވީ، ގައުމުން ބޭރުން ތައުލީމު ހާސިލްކުރުމަށްފަހު އެނބުރި ގައުމަށް އައިސް އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަކައި ބޭނުންވާ ދަރިވަރުންނަށް ޗައިނާގައި މިހާރު ވެސް 321 އިންޑަސްޓްރިއަލް ޕާކު ނުވަތަ ސިނާއީ ތަރައްގީ އަށް ބޭނުންކުރާ ސެންޓަރު އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ، ޗައިނާއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން އަނބުރާ ގައުމަށް ގެނައުމަށް މިއަހަރު ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ޕަބްލިކް ސާވިސްތަކާއި ޕްރޮޖެކްޓްތައް މިހާރަށްވުރެއް ރަނގަޅުކުރާނެ ކަމަށް ޓޭންގް ވިދާޅުވި އެވެ.
މައުލޫމާތު: ޒިންހުއާ ނިއުސް އެޖެންސީ