ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަދަން ފަށާ ނުނިމި ހުރި، މަލްޓި ޕާޕަސް ހޯލު ނިންމުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ސްކޫލުގެ ހޯލުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މިއަދު 3.5 މިލިއަން ދިވެހި ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސައްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީ އެވެ. އަދި ޓީއޭ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތައުފީގެވެ.

ނުނިމި ފަސް އަހަރުވެގެންދިޔަ އެ ހޯލް ނިންމުމަށް ޓީއޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ 185 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާ ގޮތަށެވެ.

ތ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓި ޕާޕަސް ހޯލެއް އަޅަން ފުރަތަމަ ހަވާލުކުރީ 2011 ވަނަ އަހަރުގެ ތެރޭގައި ޔޫމަން ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް މަސައްކަތް ހުއްޓާލަން މެދުވެރިވި ސަބަބެއް އެޑިއުކޭޝަން މިނިސްޓްރީއަކުން ނުބުނެ އެވެ.

ތ. އަތޮޅު ތައުލީމީ މަރުކަޒުން ބުނާ ގޮތުން، އެ ސްކޫލުގައި އަޅާ ހޯލުގެ މަސައްކަތް ހުއްޓުނުއިރު ހޯލުގެ ފަރުމާގެ 40 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.