ސިއްހީ ދާއިރާގެ ހިދުމަތްތަކާ ބެހޭގޮތުންނާއި ސިއްހީ ހިދުމަތް ދޭ ތަންތަން ބަދުވާމުވާ ގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު އަބުރުގެ ދައުވާ ކުރާނެ ކަމުގެ އިންޒާރެއް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވައިފި އެވެ.

އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބިތުފަންގި ސީރީޒްގައި އައިޖީއެމްއެޗްގެ ނަން ބޭނުން ކުރި ކަމަށް ބުނެ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިރުތުޝާމް ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވާހަކަ ދެއްކުމާއި ހިދުމަތް ދޭ ފަރާތްތައް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކާނަމަ އަބުރާ ބެހުމުގެ ގާނޫނުގެ ދަށުން އަދަބު ދެވޭނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތް ދޭ ގާނޫނުގެ ދަށުން ވެސް އެ ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އިލްތިމާސްކުރަން އެކި ފަރާތްފަރާތުން ސިއްހީ ހިދުމަތް ދިނުމުގައި އަދި ސިއްހީ ހިދުމަތް ދެވޭ ހޮސްޕިޓަލު، މަރުކަޒުތައް އަދި ސިއްހީ ހިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުން އެދޭ ސިއްހީ ހިދުމަތަށް ގޮންޖަހާ ބަދުނާމުވާފަދަ ގޮތަކަށް މީޑިއާގައި އަދި އެހެނިހެން ބޭފުޅުންގެ ރިޕޯޓުތަކުގައި ނުހިމެނުއްވުމަށް،"މިނިސްޓަރު އިރުތިޝާމް އާދަމް

ސިއްހީ ދާއިރާގައި ދެއްވާ ހިދުމަތްތަކަކީ ވަރަށް އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަކަށް ހެދުމަށް ހެލް މިނިސްޓްރީއިން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސިއްހީ ހިދުމަތަށް ގޮންޖަހައި ބަދުނާމުވާފަދަ ގޮތަކަށް ވާހަކަ ނުދެއްކުމަށް މިނިސްޓަރު އިރުތިޝާމް ތަކުރާރުކޮށް ވަނީ ގޮވާލާފަ އެވެ.

އިރުތިޝާމް ވިދާޅުވީ ސިއްހީ ދާއިރާގެ ގާނޫނު ބަޔާންކޮށްފައިވާ ގޮތުން އެއްވެސް ރައްޔިތެއްގެ ހައްގެއް ނުވަތަ ސިއްހީ ހިދުމަތްތެރިން ދެއްވާ ހިދުމަތަކުން އިހުމާލުވާނަމަ އެކަން ބަލާނެ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގަ އާއި ހެލްތް މިނިސްޓްރީގައި އެކަންއެކަން ބެލުމަށް ވަކި ޑިވިޝަނެއް ގާއިމްކޮށްފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ގާނޫނުގެ ދަށުން ގަވާއިދުތަކެއް ބަޔާން ކުރެވިގެން ކަނޑައެޅިގެން ވަކި ވަކި ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ގަވާއިދުތައް ހެދިގެންދާނެ،" އިރުތިޝާމް ވިދާޅުވި އެވެ.

ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ފޮޓޯތައް ތަންތަނުގައި ނުހިއްޕުމަށާއި ސަރުކާރުން ދޭ ސިއްހީ ހިދުމަތް ބަދުނާމުވާ ގޮތަށް ރިޕޯޓުތައް ނުޖެއްސެވުމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް އެދިއްލައްވާފަ އެވެ.

އޭސީސީން އިސް ނަގައިގެން ތައްޔާރު ކުރި "ބިތުފަންގި" ޑްރާމާގައި އައިޖީއެމްއެޗްގެ ނަން ބޭނުން ކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.