23 Mar 2016, 17:54
ކޮރަޕްޝަނާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް އޭސީސީން އިސް ނަގައިގެން ތައްޔާރު ކުރި "ބިތުފަންގި" ޑްރާމާގައި އައިޖީއެމްއެޗްގެ ނަން ބޭނުން ކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
އައިޖީއެމްޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގެ ނަން ބިތުފަންގި ޑްރާމާގައި ބޭނުން ކުރި މައްސަލަ ބަލާނެ ކަމަށެވެ. ހެލްތް މިނިސްޓްރީއިން ވެސް މިއަދު ވަނީ އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއަދު އައިޖީއެމްއެޗުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވެފައި ވަނީ ބިތުފަންގި ޑްރާމާގައި އައިޖީއެޗުގެ ނަން ބޭނުންކޮށްފައިވުމުން ތަނާއި ތަނުގެ މުވައްޒަފުން ބަދުނާމުވާ ކަމަށެވެ.
"އަޅުގަނޑު އިލްތިމާސްކުރަން އެކި ފަރާތްފަރާތުން ސިއްހީ ހިދުމަތް ދިނުމުގައި އަދި ސިއްހީ ހިދުމަތް ދެވޭ ހޮސްޕިޓަލު، މަރުކަޒުތައް އަދި ސިއްހީ ހިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުން އެދޭ ސިއްހީ ހިދުމަތަށް ގޮންޖަހާ ބަދުނާމުވާފަދަ ގޮތަކަށް މީޑިއާގައި އަދި އެހެނިހެން ބޭފުޅުންގެ ރިޕޯޓުތަކުގައި ނުހިމެނުއްވުމަށް،" އިރުތިޝާމް ވިދާޅުވި އެވެ.
ފެބްރުއަރީ 22، 2016: އޭސީސީގެ "ބިތުފަންގި" ޑްރާމާ ސީރީޒް ޕްރިމިއާ ކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަންފޮޓޯ: ފަޔާޒު މޫސާ
ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ އެންމެ ބޮޑޫ ހޮސްޕިޓަލުގެ ނަން އެގޮތަށް ބޭނުންކުރުމުން ސިއްހީ ދިދުމަތް ދޭ ގަވާއިދުގެ ދަށުން އަދި އަބުރާބެހުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އިރުތިޝާން ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެއްވެސް ހޮސްޕިޓަލެއްގެ ނަމެއް އެ ޑްރާމާގައި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން އެ ދާއިރާގައި ހުރި ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތަކަށް އަމާޒުކޮށްގެން އެޕިސޯޑެއް ގެނެސްދީފައިވާނެ ކަމަށާއި ނަމަވެސް އެ އެޕިސޯޑުގައި ވެސް ހޮސްޕިޓަލެއްގެ ނަން ފާހަގަކޮށްފައި ނުވާނެ ކަމަށެވެ.
"މުޖުތަމައުގައި ހުރި ކަންކަން ރަނގަޅު ކުރުމަށް އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުން ފާހަގަކުރެވޭ ކަންކަން ހިމަނައިގެން ގެނެސްދޭ ޑްރާމާއެއް މިއީ. އެއްވެސް ހޮސްޕިޓަލެއްގެ ނަމެއް އޭގައި ފާހަގަކޮށްފައެއް ނެތް. އަޅުގަނޑުވެސް ބެލިން. އަޅުގަނޑަކަށް ނުފެނުން އައިޖީއެމްއެޗްގެ ނަން ބޭނުންކޮށްފައި އިން އެއްވެސް ތަންކޮޅެއް" ލުތުފީ ވިދާޅުވި އެވެ.
މުޖުތަމައުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަކަށް އަލިއަޅުވާލާ އޭސީސީއިން އިސްނަގައިގެން ތައްޔާރުކުރި ބިތުފަންގީގައި ޖުމްލަ 13 އެޕިސޯޑް ހިމެނެ އެވެ. ބިތުފަންގި ޑައިރެކްޓް ކޮށްފައި ވަނީ ތުފަންގީގެ ޑައިރެކްޓަރު އަދި އެޓާނަލް ޕިކްޗާޒްގެ ވެރިޔާ މުހައްމަދު ނިޔާޒު (ޓެޑްރީ) އެވެ.