ޑީސަލް ލީޓަރަކުން 1.59ރ. އަދި ޕެޓްރޯލް ލީޓަރަކުން 1.49ރ. އެސްޓީއޯ އިން މިއަދު ބޮޑުކޮށްފި އެވެ.
މިއީ މި އަހަރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލް އެސްޓީއޯ އިން ބޮޑު ކުރި ހަ ވަނަ ފަހަރެވެ.

ތެލަށް ގެނައި މި ބަދަލާ އެކު ސަރުކާރާއި ރައްޔިތުންގެ ކުޑަ ހިއްސާއެއް އޮންނަ އެސްޓީއޯ އިން މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 15.09ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް 15.02ރ. އަށެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގަށް ބަދަލު ގެންނަން ޖެހުނީ އެންމެ ފަހުން ލިބިފައިވާ ޑީސަލާއި ޕެޓްރޯލް ޝިޕްމަންޓްގެ އަގަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.

މިއަދު އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރުމުގެ ކުރިން ޑީސަލް ލީޓަރެއް ވިއްކާފައި ވަނީ 13.50ރ. އަށް އަދި ޕެޓްރޯލް ލިޓަރެއް 13.53ރ. އަށެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ޝިޕްމަންޓްގައި އެ ކުންފުންޏަށް ޕެޓްރޯލާއި ޑީސަލްގެ ޝިޕްމަންޓެއް ގެނައީ ކޮން އިރަކު ކަމެއް ނުބުނެ އެވެ. ނަމަވެސް އެދެ ބާވަތުގެ ތެލުގެ އަގު އެސްޓީއޯ އިން މި ބޮޑު ކުރީ، އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ހިސާބުކުރުމުގައި އަންނަ މަހުން ފެށިގެން ގެންގުޅޭނެ ޑޮލަރު ރޭޓަކީ، ޑޮލަރަކަށް 14.10 ރ. ކަމަށް ކަނޑައެޅިތާ ދެ ދުވަސް ވެސް ނުވަނީހެވެ.