23 Mar 2016, 20:47
ކޭޕް ޓައުން (މާޗް 24): މީގެ ދެ އަހަރު ކުރިން ގެއްލުނު މެލޭޝިއަން އެއާލައިންގެ ފްލައިޓް 370ގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ދެކުނު އެފްރިކާގެ އަތިރިމަތިން ފެނިއްޖެ އެވެ.
ދިގު މިނުގަ އާއި ފުޅާމިނުގައި ގާތްގަނޑަކަށް 2.5 ފޫޓު ހުންނަ އެއްޗެއް ހޯމަ ދުވަހު ދެކުނު އެފްރިކާގެ ވެސްޓާން ކޭޕް ޕްރޮވިންސުގެ އަތިރިމަތިން ފެނުނީ އެ ގައުމުގެ އާކިއޮލޮޖިސްޓެއް ކަމަށްވާ ނީލްސް ކްރޫގާއަށެވެ. އެއީ އެމްއެޗް370ގެ ބަޔެއް ކަމަށް ބެލެވެނީ ބޯޓުގެ އިންޖީނު އުފެއްދި ރޯލްސް ރޮއިސްގެ ލޯގޯ އޭގައި ހުރުމުންނެވެ.
ސައުތު އެފްރިކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި މެލޭޝިއާގެ ޓްރާންސްޕޮޓޭޝަން މިނިސްޓްރީން ވަނީ އެބައި ތަހުލީލު ކުރުމަށްފަހު، އެއީ މަތިންދާ ބޯޓަކަށް ނިސްބަތްވާ ބައެއް ނަމަ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ އޭތި ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މީގެ ދެ އަހަރު ކުރިން، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ. (ގާޑިއަން)