އޭނާ އޮތީ ނިދި ޖެހިފަ އެވެ. ޖެހިގެން ހުރި އެޕާޓްމަންޓުގައި ރޯވެ އަނދަމުން ދިޔަ ކަމެއް ނޭނގެ އެވެ. ކޮޓަރިތެރޭގައި ކުޅެން ތިބި ކުޑަ ދެ ކުދިންނަކަށް ވެސް އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ ހިލަމެއް ވެސް ނުވެ އެވެ. ރޯވި އަލިފާންގަނޑު ދިރިއުޅޭ އެޕާޓްމަންޓަށް ފެތުރުމުގެ ކުރިން، ބޭރުގައި ހުރި އެ ގޭގެ ކުއްޖަކަށް އެ މަންޒަރު ފެނުނުކަމީ އެ ތިން މައިންގެ ނަސީބެވެ، ސަލާމަތެވެ.

މިއީ މިދިޔަ އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއިން ނަޖުދާ ހަސަން، 32، އަހަރު ސަލާމަތްވި ގޮތެވެ. ފުވައްމުލަކަށް އުފަން ނަޖުދާ، އޭނާގެ ތިން އަހަރުގެ ދަރިފުޅާއި އަށް އަހަރުގެ ދަރިފުޅު ސިނަމާލެ-1ގެ ހަތަރު ވަނަ ބުރީގައި ހިނގި އަލިފާނުގެ ހާދިސާ އިން ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

"އެ ކުއްޖާ އައިސް ދެ ކުދިން ގޮވައިގެން ފޭބީ. ކުރިމަތީގައި ހުރި ގޭގައި އުޅުނު ކުއްޖާ އަށް ވެސް އެ ގަޑީގައި ފެންވަރަން އާދެވުނީ. އޭނަ ވެސް އައިސް ބުނީ ދައްތާއޭ އަވަހަށް ދާށޭ ބޭރަށް. ދެން އަޅުގަނޑު ވެސް އަވަހަށް ފޭބީ،" ނަޖުދާ ކިޔައިދިނެވެ.

ފްލެޓުން ނުކުތް ބާރުމިނުގައި ދެ ކުދިންނާ އެކު ނަޖުދާ ވެސް ގޮސް ވަނީ ކުރިމަތީގައި ހުރި އޭނާގެ ދައްތައެއް ދިރިއުޅެމުން ދިޔަ ގެއަކަށެވެ.

ގެ އަނދައިގެން ދިޔައީ ލޯ ކުރިމަތީގައި!

ނަޖުދާ އާއި އޭނާގެ އާއިލާ އުޅެމުން ދިޔަ އެޕާޓްމަންޓުގައި ދިރިއުޅޭތާ މިހާރު ހައެއްކަ އަހަރުވީ އެވެ. އޭނާގެ ފިރިމީހާ ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަމުން، ހަތަރު މެމްބަރުންގެ އާއިލާ އަށް ހޯދައިދިން ހުރިހާ އެއްޗެއް ހުރީ އެ ގޭގަ އެވެ. ދެ ދަރިންގެ އަންނައުނާއި ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރީ އެތާނގަ އެވެ. ނަޖުދާގެ އާއިލާއާ އެކު އެ ގޭގައި މުޅިއަކު ހަތް މީހުން ދިރިއުޅެ އެވެ. އެ އެންމެންގެ އަގުބޮޑު އެތައް މުދަލެއް އެ ގޭގައި ހުއްޓެވެ.

"ހަމަ ރީއްޗަށް ހުޅުގަނޑު ފެނުނު. އަޅުގަނޑުގެ ލޯ ކުރިމަތީގައި މުޅި ގެ އެކީގައި ރޯވެ އެނދީ،" އަތުގެ އިޝާރާތުން ހުޅުގަނޑު ފެތުރިގެން އައި ތަން ދައްކަމުން އަސަރާ އެކު ނަޖުދާ 'ސަން' އަށް ކިޔައިދިނެވެ.

އެ ހުރިހާ މުދަލަކާއި މުޅިގެ އެކުގައި އަނދައިގެން ދިޔަ އިރު ނަޖުދާ ހުރީ އޭނާގެ ދައްތަގެ ގޭ ބެލްކަނީގައި ބަލާށެވެ. ހުރިހާ އެއްޗެއް އަނދައިގެން ދިޔަ އިރު ފެންކަޅިވެފައި ބަލަން ހުރުން ފިޔަވައި ކުރެވުނު އިތުރު ކަމެއް ނެތެވެ.

ހާދިސާ ހިނގި ވަގުތު ނަޖުދާ ނިދާފައި އޮތް ސޯފާ އަނދާފައި -- ސަން ފޮޓޯ

ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން ފްލެޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް ފަހު، ނަޖުދާ އެނބުރި އޭނާ ދިރިއުޅޭ ގެއަށް ދިޔަ އިރު މުޅި ގެ އޮތީ ކަޅު ކުލައިގަ އެވެ. ޓީވީ ހުރީ ވިރިފަ އެވެ. އޭނާ ނިދާފައި އޮތް ސޯފާއާއި ކުދިން ކުޅެން ބޭނުން ކުރި ލެޕްޓޮޕް ވެސް ވަނީ އެނދާ އެކު އަނދާފައި އެވެ. ބަދިގޭގައި ހުރި ދެތިން އެއްޗެއް ފިޔަވައި ގާތްގަނޑަކަށް މުޅި ގެ އޮތީ ފެނާއި އަޅިން ތަތްވެފަ އެވެ. ކުދިންގެ ޔުނީފޯމާއި ފޮތް ދަބަސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ހަރު ކުރި އެއާކޯނު ވެސް އޮތީ ބިންމަތީގަ އެވެ.

"މިހާ ދުވަހު ދިރިއުޅުމަށް ކުރި ހުރިހާ މަސައްކަތެއް މިއޮތީ އަނދާ އަޅިއަށް ވެފައި،" ނަޖުދާ ބުންޏެވެ.

މިވަގުތު ތިބީ ވަގުތީ ހިޔާވައްސެއްގައި!

ތިން ވަނަ ދަރިފުޅަށް ބަލިވެއިން ނަޖުދާގެ އާއިލާ އަކީ މާލޭގައި ގެދޮރު ހުރި ބައެއް ނޫނެވެ. އަލިފާނުގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެން އޭނާ އާއި ދެ ދަރިން ފުރަތަމަ ތިބީ ދައްތައެއްގެ ގޭގަ އެވެ. ފިރިމީހާ އާއި ދެން ތިބި ފިރިހެން ކުދިން ދިޔައީ ކޮންމެސް ރައްޓެއްސެއްގެ ގެ އަށެވެ. އޭނާގެ ސަބަބުން މީހަކަށް އުނދަގުލެއް ވެދާނެތީ ނަޖުދާ ހުރީ އިންތިހާއަށް ކަންބޮޑުވެފަ އެވެ. ނަމަވެސް މިއަދު އޭނާގެ އެ ކަންބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް މިވަނީ ލިބިފަ އެވެ.

އަލިފާންގަނޑު ގެއަށް ފެތުރުމުގެ ކުރިން ނަޖުމާގެ ދެ ދަރިން ކުޅެންތިބި ލެޕްޓޮޕް އަނދާފައި-- ސަން ފޮޓޯ

ނަޖުދާމެންގެ އާއިލާ އަށާއި ހާދިސާގައި އެންމެ ބޮޑުވަރުވި ގޭގެ މީހުންނަށާއި، ނަޖުދާމެން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ތިރީގައި އުޅޭ މީހުންނަށް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން މިހާރު ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

މާލީ ގޮތުން ލިބުނު ގެއްލުމަށް ވުރެ ނަފްސާނީ ގޮތުން ލިބުނު ގެއްލުން ބޮޑު!

އަލިފާނުގައި މުޅިގެ އަނދައިގެން ދިޔަ ނަމަވެސް، އެއަށްވުރެ ބޮޑު އަސަރެއް ނަޖުދާ އާއި އޭނާގެ އާއިލާއަށް ވަނީ ކޮށްފަ އެވެ. ގެ އަނދައިގެން ދިޔަ މަންޒަރު އެމީހުންގެ ލޮލަށް ވަނީ ފެނިފަ އެވެ. ނަޖުދާ ބުނީ އެ ދުވަހު ލިބުނު ޝޮކު އަދިވެސް ފިލައިގެން ނުދާ ކަމަށެވެ. އޭގެ ފަހުން އޭނާ އަށް ނިދަން ވެސް ވަނީ އުނދަގޫ ވެފަ އެވެ. ނިދީގައި ވެސް ފެންނަނީ ހުޅުގަނޑެވެ.

"ރޭގަ ވެސް ނުއެއް ނިދޭ. ހަމަ ލޯ މަރާ އިރަށް ހުޅުގަނޑު ފެންނަނީ، އަޅުގަނޑުމެން ކުރިމަތީގައި ހަޅޭއް ލަވަން ތިއްބާ ވިއްޔާ އަނދައިގެން ދިޔައީ،" ނަޖުދާ އޭނާގެ ހާލަތު ކިޔައިދިނެވެ.

އަލިފާނުގެ ހާދިސާގައި ނަޖުމާ ދިރިއުޅުނު އެޕާޓްމަންޓަށް ލިބުނު ގެއްލުން-- ސަން ފޮޓޯ

އެއީ ހަމައެކަނި ނަޖުދާގެ ހާލެއް ނޫނެވެ. އޭނާގެ އަށް އަހަރުގެ ދަރިފުޅު ވެސް މިއަދު ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެ ހާދިސާއިން އެ ޅަ ހިތާއި ސިކުނޑިއަށް ވަދެފައިވާ ހާސްކަން އަދިވެސް ފިލައިގެން ނުދެ އެވެ. އެ ދެމައިންގެ މޫނުމަތިން މިހާރު ފެންނަނީ ނުތަނަވަސްކަމާ މަޑުމޮޅިކަމެވެ.

އަލުން އުޅޭނެ ތަނެއް ލިބުނު ނަމަވެސް، ނަފްސާނީ ގޮތުން ލިބުނު ގެއްލުމުން އަރައިގަންނަން ނަގާނީ ކިހާ ވަގުތެއް ކަމެއް ބުނާކަށް ނޭނގެ އެވެ.

މިއަދު އެ އާއިލާއަށް ބޭނުންވަނީ މާލީ އެހީތެރިކަމެއް އެކަންޏެއް ނޫނެވެ. އަދި ބޯހިޔާވަހިކޮށްލާނެ ތަނެއް ނޫނެވެ. ވިސްނުމާއި ފިކުރު ކުރަން ޖެހޭ ހާސްކަމަށް ތަސައްލީއެއް ހޯދަން ބޭނުންވެ އެވެ. ނަފްސާނީ ގޮތުން ކުރި އަސަރު ފިލައި، އެނބުރި އުފާވެރިކަމުގެ ދިރިއުޅުމުގެ ތެރެއަށް ދާން ބޭނުންވެ އެވެ.