ހެލްތު އިންޝުއަރެންސްގެ ހާއްސަ ޕެކޭޖު ލިބިވަޑައިގެންފައިވާ ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންނަށް އާސަންދަ ލިބިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ދައުލަތުގެ އިސްވެރިންނަށް ހެލްތު އިންޝުއަރެންސް ޕެކޭޖުގެ އިތުރުން އާސަންދަ ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެއީ އެންމެ ރަނގަޅު ގޮތް ނޫށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް އޮތުމުން ދައުލަތަށް ބުރަ ބޮޑުވެގެން ދާނެ ކަމަށެވެ.

"ކީއްވެހޭ މި ޕެކޭޖު އޮންނަ މީހުން {ހެލްތު އިންޝުއަރެންސް ޕެކޭޖު} އާސަންދަ ނަގަނީ. އެހެންވީމަ މާލިއްޔަތު ކޮމެޓީން އަޅުގަނޑުމެން ނިންމަންވީ މި ބުނާ ހެލްތު އިންޝުއަރެންސް ޕެކޭޖު ދީފައި އޮންނަ މީހަކަށް އާސަންދަ ނުލިބޭނޭ،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީގައި މިއަދު މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް މެދު ނުކެނޑޭނެ ގޮތަކަށް އެކަން މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީއަށް މަޝްވަރާ ކޮށްފަ އެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންނަށް މަގާމާ ނުބައްދަލު ހެލްތު އިންޝުއަރެންސް ޕެކޭޖެއް ލިބިފައި ވާތީ އެކަމާ ގުޅޭގޮތުން ހައިކޯޓުން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ. މީގެ އިތުރުން މީރާގެ ހެލްތު އިންޝުއަރެންސް ޕުރިމިއަމް އެލައިޑު އިންޝުއަރެންސުން ބޮޑު ކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން ވެސް މެމްބަރުން ވަނީ މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މަޝްވަރާ ކޮށްފަ އެވެ.

ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ އެ މައްސަލަތައް ދިރާސާ ކުރުމަށް މުސާރައާ އިނާޔަތްތައް މުރާޖާ ކުރާ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީއަށް ފޮނުވާފަ އެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ގާނޫނީ ގޮތުން އިންޝުއަރެންސް ދޭންޖެހޭ ހުރިހާ ފަރާތްތަކުގެ އިންޝުއަރެންސް ޕެކޭޖު އެކީގައި ދިރާސާ ކުރަންޖެހޭ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް އެއް އުސޫލަކުން އިންޝުއަރެންސް ދިނުމަށް އިބޫގެ ވާހަކަފުޅުގައި ވަނީ ބާރު އަޅުއްވާފަ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ދަށުންނާއި އާސަންދައިގެ ދަށުން ބޭސްކުރެވޭ ފަރާތްތަކަށް ބޭސް ކުރެވޭނީ ހަމައެކަނި ދީފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ދަށުން ކަމަށެވެ.

"ދޭ ވަކި ހާއްސަ ޕެކޭޖެއްގެ ދަށުން ބޭސްކުރެވޭ. ނުވިތާކަށް އާސަންދައިން ބޭސް ކުރެވޭ. މިކަން އެބަޖެހޭ ބަދަލުކުރަން. ކޮންމެވެސް އެކަޗަކުން ބޭސްކުރެވެން ޖެހޭނީ،" އާމިރު ވިދާޅުވި އެވެ.